ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ވޭމަންޑޫ ރައްޔިތުންގެ ޙާލު ބައްލަވައިފި


ތ.ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ، މުޅި ރަށުން ކަރަންޓު ކެޑުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ ޙާލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އޮޅުން ފިލުއްވައިފިއެވެ.

ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ އެރަށް ހިމެނޭ ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒަށް ފޯނުން ގުޅުވައި ވޭމަންޑޫ ރައްޔިތުންގެ ޙާލަތު އޮޅުން ފިލުއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ވޭމަންޑޫގެ ޙާލަތު އޮޅުންފިލުއްވައި އެރަށަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަަށް އަންގަވާފައިވަކަަމަށް ރައީސް ވިދާޅުވިކަމަށެވެ. އަދި ރައްޔިތުންނަށް އަވަހަށް ކަރަންޓު ލިބޭނެގޮތް ސަރުކާރުން ހަމަޖައްސަވާނެކަމަށްވެސް ރައީސް ވިދާޅުވެފައިވަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޭމަންޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރާއިރު، އެންވަޔަރަންމަންޓް މިނިސްޓަރާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހިމެނޭހެން ޚައްސަ ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ.

ތ.ވޭމަންޑޫއަކީ 1000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ. އެރަށު އިންޖީނުގޭގައި އަލިފާންރޯވެ، މުޅި ތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މި ޙާދިސާ ހިނގާފައިމިވަނީ ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭތީ، އެ މަޢުލޫމާތު ކައުންސިލުން ރައްޔިތުންނާ ޙިއްސާކުރައްވާފައިވަނިކޮށް ކަމަށް ކައުންސިލުން ވަނީ މަޢުލޫމާތުދެއްވާފައެވެ.