ވިޔަފާރި

ޕްރޮޕެލް ފޯވާޑް ވާޗުއަލް ކޮންފަރެންސްގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެ


"ޕްރޮޕެލް ފޯވާޑް ވާޗުއަލް ކޮންފަރެންސް 2021" ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.

ޕްރޮޕެލް ފޯވާޑް ވާޗުއަލް ކޮންފަރެންސްއަކީ ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގޮތުން ޓްރެވަލް އިންޑަސްޓްރީގެ ފަރާތްތަކާއި ކޮންޓެންޓް އުފައްދާ ފަރާތްތަކާއި އަދި މީޑިއާތަކަށް ދައުވަތުދީގެން ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ.

ދެ ދުވަހުގެ މުއްދަތަށް އިނގިރޭސިވިލާތުގައި ކުރިއަށް ގެންދާ ޕްރޮޕެލް ފޯވާޑް ވާޗުއަލް ކޮންފަރެންސް އިވެންޓުގައި ބައިވެރިވެ، ވިޒިޓް މޯލްޑިވްސްއިން ވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި ކޮންޓެންޓް އުފައްދާ ފަރާތްތަކާއި މީޑިއާތަކާ ބައްދަލުކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ އެންމެފަހުގެ މައުލޫމާތު ޙިއްސާކޮށްފައެވެ.

އިނގިރޭސިވިލާތުގެ އެންމެ ކުރިއަރާފައިވާ ޓްރެވަލް ބްލޮގިން ނެޓްވޯކް ކެޕްޓިވޭޓްއިން އިންތިޒާމުކޮށްގެން ބާއްވާ މިކޮންފަރެންސްގެ އަމާޒަކީ ފަތުރުވެރިކަމުގެ މަންޒިލްތައް އިޝްތިހާރުކުރުމަށް ކޮންޓެންޓް އުފައްދާ ފަރާތްތަކުގެ އެހީތެރިކަމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް ގެނައުމެވެ. މި އިވެންޓުގައި ވިޒިޓް މޯލްޑިވްސްއިން އިސްކަންދީފައިވަނީ ދިވެހިރާއްޖެ އަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމުގެ ސަބަބުން ފަތުރުވެރިންނަށް މިފަދަ ދަނޑިވަޅެއްގައި ސިއްހީ ރައްކާތެރިކަން ޖަޒީރާ މާހައުލެއްގައި ކަށަވަރުވާރުވާނެ ކަމުގެ މެސެޖް ރާއްޖެއިން ވަނީ މި ކޮންފަރެންސުގެ ތެރެއިން ދީފައެވެ. އަދި މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ހިތްގައިމުކަން ދައްކާލުމުގެ ގޮތުން ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުންނަ ތަފާތު ތަޖުރިބާތައް ހިމެނޭ ވީޑިއޯތައް ވަނީ ދައްކާލައިފައެވެ.

ވިޒިޓް މޯލްޑިވްސްއިން މި އިވެންޓުގައި ސްޕޮންސަރެއްގެ ގޮތުން ބައިވެރިވެފައިވާތީ އިވެންޓުގެ ތެރޭގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ވަނީ ބޮޑުވެފައެވެ. އެގޮތުން ގިނަ ބައެއްގެ ސަމާލުކަން ދިވެހިރާއްޖެއަށް ލިބިފައިވާއިރު، ދިވެހިރާއްޖެއަކީ ރައްކާތެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ އިތުރުން ފަތުރުވެރި ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް ވާޗުއަލްކޮށް އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ދައްކާލާނެއެވެ.

އިނގިރޭސިވިލާތަކީ ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު މުހިންމު މާކެޓެކެވެ. އެގޮތުން މި ފެށިގެން އައި 2021 ވަނަ އަހަރާއެކު ވިޒިޓް މޯލްޑިވްސްއިން ވަނީ އިނގިރޭސިވިލާތުގައި ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޖަޒީރާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޝައުގުވެރިކުރުމުގެ ގޮތުން މުޅިން އާ ސްޓްރެޓެޖީތަކެއް ކަނޑައަޅާފައެވެ. މީގެއިތުރުން ވެސް އިނގިރޭސިވިލާތަށް ހާއްސަކޮށްގެން ދިވެހިރާއްޖެ އަކީ ފަތުރުވެރިން ޒިޔާރަތްކުރަން އެކަށީގެންވާ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި އެކި ހަރަކާތްތަކާއި ވާޗުއަލް ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.