ޚަބަރު

ލަކްޝްމީ މެނަން : ޕީޕީއީ އުފައްދާއިރު ބާކީވާ ތަކެތިން ގޮދަޑި އުފައްދާ އަންހެނެއް


ތިމާވެއްޓާއި ރަށްޓެހި އުފެއްދުންތައް އުފައްދާ އިންޑިއާގެ ރައްޔިތެއްކަމަށްވާ ލަޝްމީ މެނަން އިންޑިއާގެ ބެންގަލޫރަށް ކުރި ދަތުރެއްގެ ތެރެއިން ވަރަށް ހިތްދަތި މަންޒަރެއް ފެނުނެވެ. އެއީ ބްރިޖެއްގެ ދަށުގައި ނިދާފައި ތިބި ގެދޮރު ނެތް އާއިލާއެއް މެމްބަރުންނެވެ. ތުއްތުކުއްޖެއް އެތާނގައި އޮތްއިރު، އެކުއްޖާ ގަޔަށް އެއްޗެއް ނުލައްވާއިރު، އެކުއްޖާ އޮތީ ގައިދަށަށް އެއްޗެއް ނުލާ ބިންމަތީގައެވެ.

"އެކުއްޖާ އޮތް ގޮތް ފެނިފައި ވަރަށް ދެރަވި. އަހަންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނިން. އަހަރެންނަކީ ޑިޒައިނަރަކަށްވާއިރު، މިފަދަ މައްސަލަތަކަށް ހައްލެއް ހޯދުމަކީ އަހަރެންގެ އިޖްތިމާއީ ޒިންމާއެއްކަމަށް އަބަދުވެސް ދެކެން" ލަކްޝްމީ ބުންޏެވެ.

މިއީ "ޝައްޔާ" ނުވަތަ ސާންސްކުރިތު ބަހުންނަމަ "ގޮދަޑި" ނަމުގައި މިހާރު ފަށާފައިވާ އީކޯ ފްރެންޑްލީ ނުވަތަ ތިމާވެއްޓާ ރަށްޓެހި ގޮދަޑި އުފެއްދުމުގެ ވިސްނުން ކެރަލާއަށް އުފަން ލަޝްމީއަށް އައި ހިސާބެވެ. މިއީ ދެ މައްސަލައަކަށް ހައްލެއް ގެނައުމުގެ ވިސްނުމުގައި އޭނާ ފެށި މަސައްކަތެކެވެ. އެއް މައްސަލައަކީ ކުނި މެނޭޖްކުރުމެވެ. އަނެއް މައްސަލައަކީ ކޯވިޑްއަށް ފަރުވާ ދިނުމަށް ހަދާފައިވާ ސެންޓަރުތަކާއި އެނޫންވެސް ފަރާތްތަކަށް ބޭނުންވާ ގޮދަޑި ފޯރުކޮށްދިނުމެވެ.

"މަގުމަތީގައި ގޮދަޑިއެއް ނެތި ނިދާފައި އޮތް ތުއްތު ކުއްޖާ ފަދައިން، ކޯވިޑް ސެންޓަރުތަކުގައިވެސް ގޮދަޑިއެއް ނެތި ނިދަން ޖެހިފައި ބައިވަރު މީހުން އެބަތިބި. އެފަދަ ސެންޓަރުތަކަށް ބޭނުންވާވަރަށް ގޮދަޑިއެއް ނުލިބޭ" ލަޝްމީ ބުންޏެވެ.

ލަކްޝްމީ ބުނާގޮތުން ކެރަލާގައި އެކަނިވެސް އެތައް ސަތޭކަ ކޯވިޑް ސެންޓަރުތައް ހުރިއިރު، ސެންޓަރުތަކަށް އެންމެ ބޭނުންވާ އެކައްޗަކީ ގޮދަޑިއެވެ. ގޮދަޑިއެއްގެ އަގު ފަސް ސަތޭކަ ރުޕީސްއާއި ހަތް ސަތޭކަ ރުޕީސްއާ ދެމެދުގައި އުޅޭއިރު، ކޯވިޑްގެ ސަބަބުން ކޮންމެ ގޮދަޑިއެއްވެސް ބޭނުންކުރެވެނީ އެންމެ ފަހަރަކުއެވެ.

މިކަމަށް ހައްލެއް ހޯދުމަށް ލަކްޝްމީ ވިސްނަމުންދަނިކޮށް، އޭނާގެ ޚިޔާލަށް އައީ ކޯވިޑްއާ ގުޅިގެން މިހާރު ދުނިޔޭގައި އުފައްދަމުންދާ ޕީޕީއީއެވެ. ޕީޕީއީ އުފައްދާއިރު، އޭގެއިން ވަރަށް ގިނަ މެޓީރިއަލް ބާކީވާނޭކަން ފެހުމުގައި މަސައްކަތުގައި އުޅޭ ލަޝްމީއަށް ވިސްނުނެވެ. އަދި ޕީޕީއީ އުފައްދާއިރު ބާކީވާ ބައިން ގޮދަޑި އުފެއްދޭނެކަން އޭނާއަށް ޔަޤީންވިއެވެ.

"ޕީޕީއީ ހަދާއިރު ބާކީވާ ބައިން ގޮދަޑި އުފެއްދޭނެކަން ވިސްނުނު. އެއީ ވަރަށް އާދައިގެ މަސައްކަތެއް. ބޯ ގަތަން އެނގެންޔާ، ޕީޕީއީން ގޮދަޑި ހަދަންވެސް އެނގޭނެ" ގޮދަޑި ހަދާ ގޮތް ކިޔައިދެމުން ލަޝްމީ ބުންޏެވެ.

ޕީޕީއީގެ ބާކީވާ ބައިން ގޮދަޑި ހެދުމަށް، ލަކްޝްމީ ހަދާ ގޮތަކީ 25 މީޓަރުގެ ދިގު ގެތުންތަކެއް ޕީޕީއީ މެޓީރިއަލްއިން ގަތަނީއެވެ. އެއަށްފަހު ގަތާފައިވާ ގެތުންގަނޑު ގޮދަޑިއެއްގެ ބައްޓަމަށް ގެންނަނީއެވެ. އެގޮދަޑިތަކުގެ ދިގުމިނުގައި 6 ފޫޓް ހުންނައިރު، ފުޅާމިނުގައި 2.5 ފޫޓު ހުރެއެވެ. މިގޮދަޑި ހަދާކަށް މެޝިނެއް، ބަރަންޏެއް ނުވަތަ ތިނޯހެއްވެސް ބޭނުމެއް ނުވެއެވެ. ޕީޕީއީ ހަދަން ބޭނުންކުރާ މެޓީރިއަލްގެ ސަބަބުން މިގޮދަޑިތައް ވޯޓަރޕްރޫފްވުމުގެ އިތުރުން ސައިބޯނި ލައިގެން ދޮވެވޭނެއެވެ. އަދި މިގޮދަޑިތަކުގެ އަގު އުޅެނީ ބާޒާރުން ލިބެން ހުންނަ ގޮދަޑިތަކަށްވުރެ ދެ ގުނަ އަގުހެޔޮކޮށެވެ.

ކުނީގެ މައްސަލައާއި ގޮދަޑި ލިބުމުގައި އުޅޭ ދަތިކަމަށް ހައްލެއް ގެނައުމުގެ އިތުރުން، ލަކްޝްމީގެ މަސައްކަތުން ވަޒީފާގެ ފުރުޞަތުތަކެއްވެސް ހުޅުވި، ލޯކަލް އިކޮނޮމީއަށް އޭގެ ފައިދާކުރެއެވެ.

"މިހާރުވެސް 20 އަންހެނަކަށް ވަޒީފާ ދީގެން މިއުޅެނީ. ދުވާލަކު 300 ރުޕީޒް އެމީހުންނަށް ދެން" ލަކްޝްމީ ބުންޏެވެ.

ލަޝްމީ ފެށި މަސައްކަތުން މިހާރުވެސް އެތައް ސަތޭކަ ގޮދަޑިއެއް ކޯވިޑް ސެންޓަރުތަކާއި، ގެދޮރު ނެތް މީހުން ތިބޭ މަރުކަޒުތަކަށް ހަދިޔާކޮށްފިއެވެ. އަދި މިހާރު ކޮންމެ ދުވަހަކުވެސް ހާހަކަށްވުރެ ގިނަ އޯޑަރު އޭނާއަށް އަންނަނީ ލިބެމުންނެވެ.

އިތުރު މީހުންނަށް މިމަސައްކަތް ދަސްކޮށްދިނުމަށް ލަޝްމީ ދަނީ އޮންލައިން ޓްރެއިނިންގ ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. ލަޝްމީގެ މަސައްކަތް އދއިން ބަލައިގަނެފައިވާއިރު، އޭނާގެ އުއްމީދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ ބަޔަކު މިމަސައްކަތް ކުރުމެވެ.