ޚަބަރު

ސީރަމް އިންސްޓިޓިއުޓުގައި ހިންގި އަލިފާނުގެ ހާދިޘާއެއްގައި 5 މީހުން މަރުވެއްޖެ


ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނިކަމުގައިވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާގެ އިމާރާތެއްގައި ހިންގި އަލިފާނުގެ ހާދިޘާއެއްގައި 5 މީހުން މަރުވެއްޖެއެވެ. އަލިފާނުގެ ހާދިޡާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

އަލިފާނުގެ ހާދިޘާ ހިންގާފައިވަނީ އިންޑިޔާގެ މަހާރަޝްތާ ސްޓޭޓުގެ ޕޫނޭގައި ހުންނަ ސީރަމް އިންސްޓިޓިއުޓުގެ އިމާރާތެއްގައެވެ. އެތަނަކީ އެ އިންސްޓިޓިއުޓްގެ ޕުލާންޓެއް ހެދުމަށް އިމާރާތްކުރުމުންދިޔަ ތަނެކެވެ. އިންޑިޔާގެ ނޫސްތަކުން ބުނީ އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ތިން ގަޑިއިރު ހޭދަވެފައިވާކަމަށެވެ. އަލިފާން ފެތުރުން ހުއްޓުވުމަށްފަހު ބެލި ބެލުމުން ރޯވި އިމާރާތުން ފަސް މީހުންގެ ހަށިގަނޑުވަނީ ފެނިފައެވެ.

ސީރަމް އިންސްޓިޓިއުޓުން ބުނީ ހާދިޘާގައި މަރުވެފައިވަނީ އެ އިމާރާތް ހެދުމުގެ މަސައްކަތުގައި އުޅުނު ކޮންޓްރެކްޓު ލޭބަރުންކަމަށެވެ. މަރުވި މީހުން ޢާއިލާތަކަށް ބަދަލުގެ ގޮތުގައި 2،500،000 އިންޑިއަން ރުޕީސް ދޭނެކަމަށް ސީރަމް އިންސްޓިޓިއުޓުން މިހާރުވަނީ އިޢުލާނުކޮށްފައެވެ.

ކޯވިޑް-19 ވެކްސިނެއް ތައްޔާރުކޮށް ބާޒާރަށް ނެރުމުގެ މަސައްކަތްވެސް ކުރަމުންދާ ސީރަމް އިންސްޓިޓިއުޓުގެ އިމާރާތެއްގައި ހިންގި ހާދިޘާގެ ސަބަބުން ވެކްސިންގެ މަސައްކަތަށް ބުރޫ ނާރާނެކަމަށް އެ ކުންފުންޏާއި ގުޅުންހުރި މަސްދަރަކުން ބުންޏެވެ. އެ ކުންފުނިން ދަނީ ޚާއްޞަ ލައިސެންސެއްގެ ދަށުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީއާއި އެސްޓްރަޒެނެކާ ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވިޑް-19 ވެކްސިން ތައްޔާރުކޮށް އިންޑިޔާއާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށާއި ފަގީރު ޤައުމުތަކަށް ވެކްސިން ފޯރިކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން އެމެރިކާގެ ކުންފުންޏެއްކަމަށްވާ ނޯވެކްސް އިންކުން ތައްޔާރުކޮށްފައިވާ ވެކްސިނެއް ބާޒާރަށް ނެރުމަށްވެސް އެ ކުންފުނިންދަނީ މަސައްކަތްކުރަމުންނެވެ.