ޚަބަރު

ޓީސީއަށްވުރެ ގްރީންގެ ހާލަތު ރަގަނޅު، ދުލެއް ނުދޭނަން - ޝާޒްލީ


ޓީމުގެ ކުޅުންތެރިންނާއި ޓީމް މިވަގުތު އޮތް ހާލަތަށް ބަލާއިރު، ޓީސީއަށްވުރެ ގްރީންގެ ހާލަތު މިވަގުތު ރަގަނޅުކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗް މުޙައްމަދު ޝާޒްލީ ބުނެފިއެވެ.

ގްރީންގެ ކުޅުންތެރިންނާއި ގްރީންގެ ބެންޗަށް ބެލި ނަމަވެސް އެޓީމުގެ ވަރުގަދަކަން ފެނިގެންދާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ގްރީން ސީޒަނަށް ނިކުތީ ލީގަށް ވާދަކުރުމުގެ އަޒުމުގައިކަމަށްވާއިރު، ލީގުގެ ކުރީކޮޅުގައި މެޗްތަކުގެ ނަތީޖާ ގްރީން ބޭނުންވި ގޮތަށް ނުދިޔަނަމަވެސް، މިހާރު އެޓީމުންވަނީ ނަތީޖާތައް ގްރީންކޮޅަށް އަނބުރާލުމަށްފަހު، ތާވަލްގައި ކުރިއަށް ޖެހިލާފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

ކުލަބް ގްރީން ސްޓްރީޓްސް އިން މެޗަށް ނިކުތުމުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓީސީ ފުރަތަމަ ޑިވިޝަންއަށް ގެނެސްދިން އެޓީމްގެ ކޯޗް މުޙައްމަދު ޝާޒްލީބުނީ ލީގުގައި މިހާތަނަށް ޓީސީއިން ދައްކަމުންދާ ކުޅުމާއިމެދު ވަރަށް ހިންހަމަޖެހޭކަމަށެވެ. އަދި ލީގުގައި ވާދަވެރިކޮށް ޓީސީއިން ކުޅެމުންދާތީ އެކަމާއި ވަރަށް ހިންހަމަޖެހޭކަމަށެވެ. ޝާޒްލީ ބުނީ މެޗަކަށްފަހު މެޗެއް ޓީސީގެ ކުޅުން ރަގަނޅު ވަމުންގޮސް ލީގުގައި އެންމެ ވަރުގަދަ ޓީމުތަކާއި ވާދަކުރެވޭކަމީ، ޓީސީގެ ކުޅުން ރަގަނޅުކަން ސާބިތުވާކަމެއްކަމަށެވެ. މިހާރު ޓީސީއިން ދައްކަމުންދާ ކުޅުމަކީ ޓީމްގެ ކުޅުންތެރިން ފަރިތަކުރުންތަކުގައި ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި މިއީ ކުޅުންތެރިންގެ ހިއްވަރުން ލިބޭ ކާމިޔާބީއެއްކަމަށް ވެސް ޝާޒްލީ ބުންޏެވެ. އަދި މެޗްތަކުގައިވެސް ކުޅުންތެރިން ކޯޗު ބުނާގޮތް ހަދާތަން ފެނުމުން ވަރަށް ހިންހަމަޖެހޭކަމަށާއި ނަމަވެސް ކޯޗެއްގެ ހައިސިއްޔަތުން އަދިވެސް ޓީސީ ރަގަނޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ކޯޗް ޝަޒްލީ ވަނީ ބުނެފައެވެ.

"މިހާހިސާބަށް އައިއިރު ގްރީން އެއޮތީ ރަގަނޅު ހިސާބެއްގަ. އަދި މެޗަށް ނިކުންނައިރު، ގްރީން އެންމަ ފަހުން ކުޅުނު 4 މެޗަށް ބަލާލާއިރުގަ، ވަރަށް ރަގަނޅަށް ކުޅެ، އެޓީމް އޮތީ ބަލިނުވެ. އެހެންވީމަ 4 މެޗުން ބަލިނުވެ ޓީސީއާއި ދެކޮޅަށް ނިކުންނައިރުގައި ޓީސީ އޮތީ ވަރަށް ބޮޑަށް ހިއްވަރު އާވެފަ. އަދި މިހާރު ގްރީންއަށް ދަނި ހުރިހާކަމެއް ރަގަނޅަށް. މަޒިޔާ އާއި ވެލެންސިޔާ މެޗަށް ތައްޔާރުވިވަރަށް، ތައްޔާރުވެގެން ނޫނީ މިމެޗް ކުޅެން އުނދަގޫވާނެ." ޓީސީގެ ކޯޗް މުޙައްމަދު ޝާޒްލީ ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗް ޢަލީ ނިޝްތާރު ބުނީ ގްރީންއިން މިހާރު ރަގަނޅު ރަގަނޅު ނަތީޖާތަކެއް ލީގްގައި ހޯދަމުން ދިއުމަކީ ޓީސީ މެޗްއަށް ނިކުންނައިރު، ގްރީންއަށް އޮތް ފައިދާއެއް ނޫންކަމަށް ނިސްތާރު ބުނެފިއެވެ. މިމެޗަށް ނިކުންނައިރު ޓީސީ ސްޕޯޓްސް ކުލަބުންވެސް ފަހަކަށްއައިސް ހޯދަމުންދާ ނަތީޖާތަކުގެ ސަބަބުން މިމެޗް ފަސޭހަ ނުވާނެކަމަށްވެސް ގްރީން ސްޓްރީޓްސްގެ ކޯޗް ނިޝްތާރު ވަނީ ބުނެފައެވެ. ގްރީންއިން މިހާރު ހޯދަމުންދާ ނަތީޖާތަކުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާކަމަށާއި މިކަމުގެ ސަބަބުން ކުޅުންތެރިންގެ މަސައްކަތުގެ ރޭޓުވެސް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަން ގްރީން ސްޓްރީޓްސްގެ ކޯޗް ޢަލީ ނިޝްތާރު ވަނީ ފާހަގަކޮށްފައެވެ.

"ފުރަތަމަ ބުރުގެ ފަހު މެޗަށް ވުމާއެކު، ގްރީންގެ މައްޗަށް ޓީސީއިން ކުރި ހޯދައިފިނަމަ، ޓީސީއަށް ގްރީންއަށް ވުރެއް ތާވަލުގައި ކުރިއަށް ޖެހިލުމުގެ ފުރުޞަތު އެބައޮތް. އަހެންވީމަ މިއީ ގްރީންއަށް ވަރަށް މުހިންމު އަދި ފައިނަލް މެޗެއް ކަހަލަ މެޗެއް. ކޯޗިން ކިޔަވައިދިނުމުގައި ޝާޒްލީގެ ވަރަށް ބޮޑު އަތެއްވޭ. ޝާޒް ވަރަށް ބޮޑަށް ބަލާނެ ގްރީން ސްޓްރީޓްސް ކުޅޭ ގޮތް. ޝާޒްލީއަކީ ވަރަށް ތަފާތު ކޯޗްއެއް. އަޅުގަނޑަށް ޝާޒް ކައިރިން ދަސްވި އެއްޗަކީ ޝާޒްއަކީ ވަރަށް އަވަހަށް ޓީމް ބަދަލުކޮށްލާ ކޯޗެއްކަން." ގްރީންގެ ކޯޗް ނިޝްތާރު ބުންޏެވެ.