ދުނިޔޭގެ ވިޔަފާރި

މިދިޔަ ކުއާޓާގައި ޗައިނާގެ އިޤްތިޞާދަށް ކުރިއެރުން


ނުރައްކާތެރި ބަލިމަޑުކަމަކާއި މުޅި ދުނިޔެއިން ކުރިމަތިލަމުންދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ އިޤްތިޞާދަށް ކުރިއެރުން ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދަށް ވަނީ ކުރިން އަންދާޒާކޮށްފައި ނުވާވަރުގެ ކުރިއެރުމެއް ލިބިފައެވެ. އެހެންކަމުން މުޅި ދުނިޔޭގައި އަދިވެސް ކޯވިޑް-19 ފެތުރެމުންދިޔަނަމަވެސް، މި އަހަރުވެސް ޗައިނާގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށް ބެލެވެއެވެ.

2020ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ އުފެއްދުންތެރިކަމުގެ ނިސްބަތްވަނީ 2.3 އިންސައްތައިން އިތުރުވެފައެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުގައި ބައިނަލްއަޤްވާމީ މާލީ އިދާރާއެއްކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން އަންދާޒާކުރި 1.9 އިންސައްތައިގެ ކުރިއެރުމަށްވުރެ ހަލުވި މިންވަރެކެވެ. އެއާއިއެކު ޗައިނާގެ އިޤްތިޞާދު ވެގެން ގޮސްފައިވަނީ ފާއިތުވި އަހަރުގެ ތެރޭގައި ބޮޑެތި އިޤްތިޞާދުތަކުގެ ތެރެއިން ކުރިއެރުން ލިބުނު ހަމައެކަނި އިޤްތިޞާދަށެވެ. އަދި ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ޗައިނާގެ އުފެއްދުންތެރިކަމުގެ ނިސްބަތް ކުރިއަރާފައިނުވާހާ ހަލުވި ދުވެއްޔެއްގައި މި އަހަރުގެ ތެރޭގައި އެޤައުމުގެ އިޤްތިޞާދު ކުރިއަރާނެކަމަށް ބެލެވެއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް 8.4 އިންސައްތައިން އިތުރުވާނެކަމަށް ބެލެވެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުކަމުގައިވާ ޗައިނާގެ އިޤްތިޞާދަށް ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމުން މުޅި ދުނިޔެއަށް ވަނީ ހައިރާންކަން ލިބިފައެވެ. އެގޮތުން ގިނަ މައްސަލަތައް ކުރިމަތިވެފައިވާ އެމެރިކާއާއި ޗައިނާއާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންފަދަ މައްސަލަތަކާއިގުޅޭ ސިޔާސަތުތައް ރޭވުމުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ސިހުމެއް ލިބިފައެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެންފެށި ޗައިނާގައި، ބައްޔާއި ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގައި ފެތުރެމުންދިޔަ ބަލިމަޑުކަންވަނީ އެހެން ޤައުމުތަކަށްވުރެ ހަލުވިކޮށް ކޮންޓްރޯލުކޮށްފައެވެ. ސަރުކާރުން އިސްވެ އެކުލަވާލާފައިވާ ސިޔާސަތުތަކުގެ ސަބަބުންނާއި ވިޔަފާރިތަކުން އުފެއްދުންތެރިކަން އިތުރުކޮށް، ކޯވިޑް-19ގެ ސަބަބުން ހީނަރުކަން އައިސްފައިވާ ޤައުމުތަކަށް މުދާ ފޯރުކޮށްދިނުން ވެގެން ދިޔައީ ޗައިނާގެ އިޤްތިޞާދަށް ކުރިއެރުން ލިބުނު އެއް ސަބަބުކަމުގައެވެ.

ކޯވިޑް-19ގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން 2020ވަނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޗައިނާގެ އިޤްތިޞާދަށްވަނީ 6.8 އިންސައްތައިގެ ހީނަރުކަމެއް އައިސްފައެވެ. ނަމަވެސް އަހަރުގެ ބާކީ އޮތް ބައިގައި އޭރު އައި ހީނަރުކަން ފޫބައްދައި، އިޤްތިޞާދު ވަނީ އަލުން ރަނގަޅުވާން ފަށައިފައެވެ. އެގޮތުން ބަލި ފެތުރުން ހުއްޓުވުމަށް އެ ޤައުމުގައި ޤާއިމްކޮށްފައިވާ ފުރަބަންދު އުވާލުމާއިއެކު، ދެވަނަ ކުއާޓާގެ ތެރޭގައި އުފެއްދުންތެރިކަމުގެ ނިސްބަތް ވަނީ 3.2 އިންސައްތައިން އިތުރުވެފައެވެ. އަދި ތިންވަނަ ކުއާޓާގައި 4.9 އިންސައްތައިގެ ކުރިއެރުމެއްވަނީ ލިބިފައެވެ.

ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2019ވަނަ އަހަރާއި އަޅާއި ބަލައިރު 2020ވަނަ އަހަރުގެ ފަހު ކުއާޓާގައި ޗައިނާގެ އުފެއްދުންތެރިކަމުގެ ނިސްބަތްވަނީ 6.5 އިންސައްތައިން އިތުރުވެފައެވެ. އެއީ އިޤްތިޞާދީ މާހިރުން ލަފާކޮށްފައިވާ 6.1 އިންސައްތައިގެ ކުރިއެރުމަށްވުރެ އިތުރު ނިސްބަތެކެވެ.

ބައެއް އެނަލިސްޓުން ވަނީ ޗައިނާއިން ޝާޢިއުކޮށްފައިވާ ތަފާސް ހިސާބުތަކާއިމެދު ސުވާލު އުފައްދާފައެވެ. ނަމަވެސް މަޝްރަހު ދިރާސާކުރާ ކުންފުންޏެއްކަމަށްވާ ކެޕިޓަލް އިކޮނޮމިކްސްއިން ބުނީ އެ ކުންފުނިން ބެލި ބެލުމުން ޗައިނާއިން ޝާޢިއުކޮށްފައިވާ ތަފާސް ހިސާބުތަކުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ކުރިއެރުން ރަނގަޅަށް ދައްކުވައިދޭކަމަށެވެ.