ޚަބަރު

ބިއްލޫރި ޕެލެޓު ވެއްޓުމުގެ ޙާދިސާގައި އަނިޔާވި އެކަކު ފަރުވާއަށްފަހު ދޫކޮށްލައިފި


މާލޭ ވިޔަފާރި ބަދަނދަރުގައި، ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައި އަނިޔާވި 2 މީހުންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ. މިހާދިސާގައި އަނިޔާވި އަނެއް މީހާ އެޑްމިޓްކޮށްގެން އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.

އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހާއަށް ލިބިފައިވާ އަނިޔާގެ މާބޮޑު ތަފްސީލެއް އައިޖީއެމްއެޗުން ހާމަނުކުރި ނަމަވެސް އެމީހާއަށް ފަރުވާދެމުންދަނީ ލިބުނު ފްރެކްޗަރއަކަށް ކަމަށް ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އައި.ޖީއެމް.އެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާގެ ބުރަކަށީގެ ބައެއް ކަށިތަކުގައިވަނީ ރެނދުލާފައެވެ.

ރޭގެ ވަގުތެއްގައި މިޙާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައިކަމަށް ވިޔަފާރި ބަނދަރު ހިންގާ، އެމްޕީއެލްއިން މަޢުލޫމާތު ދެއްވައެވެ. މިހާދިސާގައި އަނިޔާވެފައިވަނީ ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރީ އަކަށާއި އިތުރު މަޖޫރީއަކަށް ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ހާނީއްކަވި ދެމީހުންގެ ހާލު އެމްޕީއެލްއިން ވަރަށް ގާތުން ބަލަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އަދި މިހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ. މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.