ޚަބަރު

ދިވެހި ރާއްޖޭގެ ފަންސާ ޗެޕްޓަރ އިފްތިތާހުކޮށްފި


ފްރެޝް ވޯޓަރ އެކްޝަން ނެޓްވޯކް ސައުތު އޭޝިއާ ނުވަތަ ފަންސާގެ ދިވެހި ރާއްޖޭގެ ޗެޕްޓަރ އިފްތިތާހްކޮށްފިއެވެ. ރާއްޖޭގެ ފަންސާ ޗެޕްޓަރ ހުޅުވުމަށް މިއަދު ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މި ޗެޕްޓަރ އިފްތިތާހް ކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ ފަރާތުންނެވެ.

ފަންސާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ފަރާތުން ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ މެދުގަޔާއި އަދި އާއްމުންގެ މެދުގައި ފެނާއި ސާފުތާހިރުކަމާއި ސިއްހަތާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ނެޓްވޯކެކެވެ. މީގެ އިތުރުން ފެނާއި ނަރުދަމާއާއި ސިއްހަތު އަދި ސާފުތާހިރުކަމަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ބާރުވެރިކަން އިތުރުކޮށް ހަރުދަނާ ކުރުވުމަށްވެސް ފަންސާއިން މަސައްކަތްކުރެއެވެ.

ފަންސާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ޖަމްޢިއްޔާ ޖަމާއަތްތައް ހިމެނޭ ނެޓްވޯކެކެވެ. މި ޖަމާޢަތުގައި ރާއްޖެއިން ބައިވެރިވެފައިވާ ޖަމްޢިއްޔާއަކީ ވޯޓަރ ކެއަރއެވެ.

ރާއްޖޭގައި ފަންސާގެ ޗެޕްޓަރ އެއް ހުޅުވުމަށް މިއަދު ވަރޗުއަލްކޮށް ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގައިވަނީ ސަރަހައްދީ ފަންސާގެ އިސްފަރާތްތަކާއި، ޑަބްލިއު.އެޗް.އޯ އާއި، ރާއްޖޭގެ ހިއްސާދާރުންގެ ތެރެއިން ވޯޓަރ ކެއަރ އާއި ލިވް އެންޑް ލަރން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަން ވިތް ޑިސްއެބިލިޓީސް ހިމެނޭ ޕެނަލްއަކުން މިކަމާބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ފަންސާގެ މަސައްކަތުގެ ސްކޯޕާއި، ހަރަކާތްތެރިވާނެ ދާއިރާގެ މައުލޫމާތުވެސް ވަނީ އޮޅުން ފިލުވައިދީފައެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާ، ސިއްހަތު އަދި ސާފުތާހިރުކަން 2030 ވަނަ އަހަރަށް ވާއިރަށް ހާސިލު ކުރުމަށް ތަފާތު ހިއްސާދާރުންގެ މެދުގައި އެއްބާރުލުން ދީގެން އެކުއެކީގައި މަސައްކަތްކުރުމުގެ މުހިންމުކަން އެންވާރަމެންޓް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ރާއްޖޭގައި ޤާއިމްކޮށް މިއަދު ހުޅުވި ފަންސާގެ ޗެޕްޓަރ އާއެކު ފަންސާއިން ވަނީ ދިވެހި ރާއްޖޭގެ އާއްމު ފަރުދުންނާއި މުއައްސަސާތަކާއި އާއްމު ވިޔަފާރިތަކާއި ސަރުކާރާއި ޖަމްޢިއްޔާ ޖަމާއަތްތަކަށް ފަންސާ މޯލްޑިވްސްގެ މެމްބަރަކަށް ވުމަށް ދައުވަތުއަރުވާފައެވެ.

Mohamed Mustafa

ވަރަށް މުހިންމު ފެށުމެއް، މީގެ ސަބަބުން ރާއްޖޭގެ ފެނާއި ނަރުދަމާ ދާއިރާ ގައި މީހުން ހޭލުންތެރި ކުރުމަށް ފަސޭހަވެގެން ދާނެ