ޚަބަރު

ކޯވިޑް-19 : ވެކްސިންއާ ގުޅޭ ސައްޙަ ނޫން މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި


ކޯވިޑް ވެކްސިންއާ ގުޅޭ ސައްޙަ ނޫން މަޢުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ މެމްބަރު ޑރ. މުޙައްމަދު ޢަލީ އިލްތިމާސްކުރައްވައިފިއެވެ.

ޑރ. މުޙައްމަދު ޢަލީ މިގޮތަށް އިލްތިމާސްކުރެއްވީ ޕީ.އެސް.އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ވެކްސިން ދޭން ފެށުމުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ތަފާތު މައުލޫމާތު ބަދަލުކުރެވިގެންދާނެ ކަމަށާއި މައުލޫމާތުގެ ސައްޙަކަން ކަށަވަރު ނުކުރެވޭނަމަ އެދެވިގެން ވަނީ އެމަޢުލޫމާތެއް ޝެއަރނުކުރުންކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

"އެކި ސޯސްތަކުން އެކި ތަންތަނުން މައުލޫމާތު ފެނިގެންދާނެ. ޓްވިޓަރ، ފޭސްބުކް، ވައިބަރ ގްރޫޕްތަކުގަ ޝެއަރ ކުރެވިގެންދާނެ. އޭގެ ސޯސް ނުވަތަ ތެދުކަން ނޭނގޭކަމަށްވާނަމަ އެ މައުލޫމާތެއް ޝެއަރ ނުކުރެއްވުން އެންމެ ރަނގަޅުވާނީ." ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިންއަކީ ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ވަޞީލަތްކަމަށާއި ރާއްޖޭގައިވެސް ގިނަ ބަލިތަކެއް ނައްތާލެވިފައިވަނީވެސް ވެކްސިންގެ ސަބަބުން ކަމަށެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ތިމާއަށް ލިބޭ މައުލޫމާތު އަނެކާއަށް ފޯރުކޮށްދިނުމަކީ މިހާރު ވަރަށް ފަސޭހަ ކަމެއް ކަމަށާއި ކޯވިޑް-19 ފެތުރިގެން އައިއިރުވެސް ޞައްހަ ނޫން އެތައް މަޢުލޫމާތެއް ފެތުރިގެން ދިޔަކަމަށެވެ. އެހެންކަމުން ލިބޭ މިފަދަ ކޮންމެ މަޢުލޫމާތެއް އޭގެ ސައްހަކަން ޔަޤީން ކުރުމަށްފަހު ނޫނީ ހާމަނުކުރުމަށް ނުވަތަ ޝެއަރ ނުކުރުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑްގައި މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އެއްވެސް ފޮރުވުމެއް ނެތި މަޢުލޫމާތު ފޯރުކޮށްދީފައިވާ ފަދައިން، ވެކްސިންއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުވެސް އެގޮތަށް ފޯރުކޮށްދެމުންދާނެކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ގެންނަ ވެކްސިން ކޯވިކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތައަށް ހިލޭ ލިބޭއިރު ރާއްޖެއިން ފައިސާ ދީގެން ގަންނަ ވެކްސިންތައްވެސް ރައްޔިތުންނަށް ހިލޭ ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.