ޚަބަރު

ހަވީރުން ފެށިގެން ކަނޑުދަތުރުތައް ހުއްޓާލާ، ވައި ގަދަވާނެ


ސްރިލަންކާ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ޠޫފާނަކަށް ބަދަލުވެ ރާއްޖެ ސަރަހައްދަށް އަސަރުކުރަމުން އަންނާތީ މިއަދު ހަވީރުން ފެށިގެން ކަނޑުދަތުރުތައް ހުއްޓާލުމަށް މުސޫމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އެ އިދާރާއިން ވިދާޅުވީ ލަންކާގެ ސަރަހައްދުގައި އުފެދުނު ބުރެވި ޠޫފާނު ޓްރިންކޮމަލީ އާއި 240 ކައިރިއަށް ޖެހިފައިވާކަމަށެވެ. އަދި މިއަދު މެންދުރުފަހު އެ ޠޫފާނު ލަންކާއަށް އަރާނެކަމަށް ބެލެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މިތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަން ފަށާފައިވާކަމަށާއި އެގޮތުން މިހާރު މިތޫފާނުގެ ސަބަބުން އުފެދިފައިވާ ވިލާތައް ރާއްޖެ ސަރަޙައްދަށްވެސް ޖަމާވާން ފަށާފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ހާފިޒް ވިދާޅުވިއެވެ. ބުރެވި ޠޫފާނު ވައިގެ އަސަރު މިހާރު ރާއްޖެއަށް ކުރަމުން އަންނަކަމަށާއި، އެގޮތުން އުތުރާއި މެދު ރާއްޖެތެރޭގައި މިހާރުވެސް ވައި ގަދަވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ބުރެވި ޠޫފާނު އަސަރު ރާއްޖެއަށް ހަވީރުކުރާނެކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ ހުރިހާ ކަނޑުދަތުރުތައް ހަވީރުން ފެށިގެން ހުއްޓާލުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިތޫފާނާ ގުޅިގެން މެންދަމު ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ހާމަކޮށްފައެވެ.