ވިޔަފާރި

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އަމާޒާއި ގާތަށް


ހުސްވި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ރާއްޖެއަށްވަނީ 1.7 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މި އަދަދަކީ 2018ވަނަ އަހަރާއި އަޅާ ބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ. މިއަދަދުތަކާއިއެކު މިއަހަރު ރާއްޖެއިން ފެށީ 2 މިލިއަން ފަތުރުވެރިންގެ އަމާޒާއެކުއެވެ.

ރާއްޖެއިން މިހާރު ބޮޑު އަމާޒެއް ކަނޑައެޅިގެން މަސައްކަތް ފެށިނަމަވެސް އަހަރު ފެށިގެން މާގިނަ ދުވަހެއް ނުވެ ކޯވިޑް-19ގެ ބަލިމަޑުކަމާއި އެކު މުޅި ދުނިޔޭގެވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނެވެ.

މީގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށްވެސްކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަށަށްދާން ފެށިއެވެ. އަދި ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުރަބަންދުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް މިއަހަރުގެ މާޗުމަހުގެ 27 ވަނަ ދުވަހު ބަންދުކުރިއެވެ. އޭގެ 110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ.

ކޯވިޑް-19ގެ ހާލަތުގައި ރާއްޖޭގ ބޯޑަރުތައް ހުޅުވާލީ ދުނިޔޭގެ އެހެން ގިނަ ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެފަދަ ހާލަތެއްގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން ރާއްޖެއަށް ފަތުުރުވެރިން އަންނާނެކަމާއި މެދު ގިނަ ބަޔަކު ސުވާލުތައް އުފެއްދިއެވެ.

އެހެން ނަމަވެސް ސަރުކާރުގެ މަސައްކަތްތައް އެފަދަ ފާޑު ކިޔުންތަކަށް ބެލުމެއް ނެތި ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދާއި ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދުތައް މަޑުމަޑުން އިތުރުވާން ފެށިއެވެ.

ސަރުކާރުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު އަމާޒު ހިފީ ރާއްޖެއަށް މިއަހަރު ނިމޭއިރު ފަސް ލައްކަ ފަތުރުވެރިން ގެނައުމަށެވެ. މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މާޗުމަހުގެ ތެރޭ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 382760 ފަތުރުވެރިންނެވެ.

އެހެންކަމުން ރާއްޖެއިން ހިފާފައިވާ 5 ލައްކަ ފަތުރުވެރިން މިއަހަރު ރާއްޖެއަށް ގެނައުމުގެ އަމާޒް ހާސިލްވާނީ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެއަށް 117250 ފަތުރުވެރިން އައިސްގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 458937 ފަތުރުވެރިން އައިސްފައެވެ. އަދި ރާއްޖޭގެ ހިފާފައިވާ އަމާޒް ހާސިލްކުރުމަށް މި ޑިސެމްބަރުމަސްތެރޭ ރާއްޖެއަށް 41063 ފަތުރުވެރިން އަންނަން ޖެހެއެެވެ. މިއާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ އެއްމަސްދުވަސްތެރޭ މިއަަދަދަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމާއި މެދުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން މިއަދަދު ހާސިލްވާނެ ކަމާއި މެދު ކުރެވޭ އުއްމީދު ބޮޑެެވެ. ސަބަބަކީ މަހުންމަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން ދިޔުމެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އޮގަސްޓު މަހު 7628 ފަތުވެރިއަކު ރާއްޖެ އައިސްފައިވާއިރު ސެޕްޓެމްބަރު މަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރުމަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ދެގުނައަށް އިތުރުވެ، އެމަހު ރާއްޖެއަށް ވަނީ 21515 ފަތުުރުވެރިން އައިސްފައެވެ. އަދި ނޮވެމްބަރުމަހު ރާއްޖެއަށްވަނީ 35708 ފަތުރުވެރިން އައިސްފައެވެ. މިއީ އޮކްޓޫބަރުމަހާ އަޅާ ބަލާއިރު 14193 ފަތުރުވެރިންގެ އިތުރުވުމެކެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާ މަހެކެވެ. ރާއްޖެއަށް މިހާރުވަނީ ބައިނަލްއަޤްވާމީ 18 އެއަރލައިންްއަކުން އަލުން ދަތުރުތައް ފަށާފައެެވެ. އަދި މިމަސްތެރޭ އިތުރު އެހެން އެއަރލައިންތަކުންވެސް ރާއްޖެއަށް ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވުމުންނެވެ.

ރާއްޖެއަށް އަލުން ދަތުރުތައް ފަށާ އެއަރލައިންތަކުގެ އަދަދު އިތުރުވަމުން ދިޔުމާއި އެކު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުުުވެރިންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ކޮންމެ ދުވަހަކު އެވްރެޖްކޮށް 318 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އޮކްޓޫބަރުމަހު މި އަދަދު ހުރީ 694 ގައެވެ. އަދި ނޮވެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 1190 ފަތުރުވެރިންނެވެ. އެވްރެޖްކޮށް ފަތުރުވެރިން އަންނަ އަދަދަކީ މިއީ ކަމުގައިވިޔަސް ބައެއް ދުވަސްތަކުގައި ރާއްޖެއަށް ދެހާހަށްވުރެ ގިނަ ފަތުރުވެރިން އަންނަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ނިމުނު ނޮވެމްބަރުމަހުގެ ކޮންމެ ހަފްތާއެއްގެވެސް އަނގާރަދުވަހަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ދުވަހެކެވެ. އެގޮތުން ނޮވެމްބަރުމަހުގެ ތިންވަަނަ އަންގާރަދުވަސް ކަމަށްވާ އެމަހުގެ 15ވަނަ ދުވަހު ރާއްޖެއަށްވަނީ 2101 ފަތުރުވެރިން އައިސްފައެވެ. އަދި އެމަހުގެ ހަތަރުވަނަ އަންގާރަދުވަސް ކަމުގައިވާ ނޮވެމްބަރ 22 ވަނަ ދުވަހު 2195 ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ.

އަދި ނޮވެމްބަރުމަހުގެ ފަހު އަންގާރަދުވަހު ވަނީ 2299 ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ. އަދި މިއީ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަސްކަން ފާހަގަކޮށްލެވެއެވެ.

ފަތުރުވެރިކަމުގެ މި ނަމްބަރުތަކުން ރާއްޖެއިން މިއަހަރަށް ހިފާފައިވާ އަމާޒް ހާސިލްވާނެ ކަމާއި މެދު ކުރެވޭ އުއްމީދު ބޮޑެވެ. އަދި އެ އަމާޒަށްވުރެ އިތުރަށްވެސް ރާއްޖެއަށް ފަތުރުވެރިން އައުން އެކަށީގެންވެއެވެ.