ޚަބަރު

ކޯވިޑް-19ގައި މަރުވާ މުސްލިމުން އެންދުމާއި ދެކޮޅަށް ހުށަހެޅި ޕެޓިޝަން ކޯޓުން ބަލައެއް ނުގަތް

ސްރީ ލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުން އަންދާ އުސޫލު ބަދަލުކުރުމަށް މުސްލިމުން ހުށަހެޅި ޕެޓިޝަން އެ ޤައުމުގެ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ.

ކޯވިޑް-19ޖެހިގެން މަރުވާ މީހުން އަންދާލުމަށް ސްރީ ލަންކާއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް އެ ޤައުމުގެ މުސްލިމް އާބާދީން ހުށަހަޅާފައިވާ ޕެޓިޝަން ބަލައިނުގަތުމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން އެގޮތަށް ނިންމީ ސްރީ ލަންކާގައި ކޯވިޑް-19ގެ ދެވަނަ ރާޅެއް ހަލުވިކޮށް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މިދިޔަ މާރިޗު މަހު ސްރީ ލަންކާގެ ސަރުކާރުންވަނީ ކޯވިޑް-19 ޖެހިގެން މަރުވާ އެންމެން އަދި މަރުވިއިރު ކޯވިޑް-19 ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހުން އެންދުމަށް ނިންމާފައެވެ. އެގޮތަށް ބަޔާންކޮށް އުސޫލެއް ޤާއިމްކުރީ ކޯވިޑް-19 ޖެހިގެން އެ ޤައުމުގައި މުސްލިމަކު މަރުވުމާއި ގުޅިގެންނެވެ. އެއާއެކު އޭޕްރިލް މަހުގެ ތެރޭގައި އެ އުސޫލުތަކާއި ދެކޮޅަށް 12 ޕެޓިޝަނެއްވަނީ ހުށަހަޅާފައެވެ.

އެ ޕެޓިޝަންތަކުގައި ބުނީ ސަރުކާރުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ސަބަބުން ސްރީ ލަންކާގެ އާބާދީގެ ނުވައެއް އިންސައްތަ ޙިއްޞާކުރާ މުސްލިމުންގެ ހައްޤުތައް ގެއްލޭކަމަށެވެ. ނަމަވެސް އެ އުސޫލުތައްވަނީ އޭޕްރިލް މަހުގެ 11ވަނަ ދުވަހުގައި ރަސްމީކޮށް ގެޒެޓުކޮށްފައެވެ.

ސްރީ ލަންކާގެ މުސްލިމު ލީޑަރުން ބުނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިންވެސް ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމާއި ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފައި ނުވާކަމަށެވެ. ޑަބްލިއުއެޗުއޯގެ އުސޫލުތަކުގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުން އެންދުމުގެ އިތުރުން ވަޅުލެވޭނެކަމަށްވެސް ބަޔާންކޮށްފައިވާކަމަށް އެ ފަރާތްތަކުން ބުންޏެވެ.

އދގެ މަންދޫބުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ފަރާތްތަކުންވަނީ ސްރީލަންކާގެ ސަރުކާރުގެ ނިންމުން ބަދަލުކުރުމަށް ގޮވައިލައިފައެވެ. އަދި މުސްލިމުންގެ ޖަޒާނާގެ އުސޫލުތަކަށް އިޙްތިރާމްކުރުމަށްވެސް އެ ފަރާތްތަކުންވަނީ ގޮވައިލައިފައެވެ.

ސްރީ ލަންކާގައި މިހާތަނަށް 24،532 މީހުންނަށް ކޯވިޑް-19ޖެހި 122 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 545 މީހުންނަށް ކޯވިޑް ޖެހިފައިވެއެވެ.