ޚަބަރު

މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވުމުގެ ބިރު އެބައޮތް: ޑަބްލިއުއެޗްއޯ


މެލޭރިއާގެ ސަބަބުން އެފުރިކާގެ އެތައް ހާސް ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ މެލޭރިއާ ބައްޔާއިގުޅޭގޮތުން ޑަބްލިއުއެޗުއޯއިން އަހަރަކު އެއްފަހަރު ނެރޭ ރިޕޯޓެއްގައި ބުނީ މެލޭރިއާ ފެތުރުން ހުއްޓުވުމަށް ޚަރަދުކުރުމަށް ހުރި ފައިސާގެ ޢަދަދު މަދުވުމާއި ފަރުވާ ދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާކަމަށެވެ. އާންމުކޮށް ފަރުވާ ދެމުންދާ މިންވަރަށް ކުޑަ ބަދަލެއް އައި ނަމަވެސް އޭގެ ސަބަބުން ނުރައްކަލަށް ހުށަހެޅޭ މީހުންގެ ޢަދަދު ވަރަށް އިތުރުވާނެކަމަށް ޑަބްލިއުއެޗުއޯއިން ބުންޏެވެ. އެގޮތުން މިހާރު ފަރުވާދޭ ނިސްބަތަށް 10 އިންސައްތައިގެ ބަދަލެއް އައި ނަމަވެސް އިތުރު 19،000 މީހުން މަރުވުން އެކަށީގެންވާކަމަށް ރިޕޯޓުގައިވަނި ބުނެފައެވެ. ފަރުވާ ދިނުމަށް 25 އިންސައްތައަށް ހުރަސްއެޅިއްޖެނަމަ އެ ޢަދަދު 46،000އަށް އިތުރުވާނެކަމަށް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި 50 އިންސައްތައިގެ ބަދަލެއް އައިސްފިނަމަ 100،000 މީހުން މަރުވާނެކަމަށް ރިޕޯޓުގައިވަނީ އަންދާޒާކޮށްދައެވެ.

އެފުރިކާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިއުއެޗުއޯގެ ސަރަޙައްދީ ޑިރެކްޓަރު ޑރ. މަޝިޑިސޯ މޯޓީ ވިދާޅުވީ ފަރުވާ ދިނުމުގައި ކުރިއެރުން ލިބުމުގައި ލަސްވެފައިވާކަމަށާއި ކޯވިޑް-19ގެ ސަބަބުން މެލޭރިއާއަށް ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅިފައިވާކަމަށެވެ. ކޯވިޑް-19ގެ ސަބަބުން އެފުރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ނަމަވެސް، މެލޭރިއާއިން ރައްކާތެރިވުމަށް އެފުރިކާއަށް ބޭނުންވާ ވަޞީލަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިދީ އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރުމަކީ ބޭރުގެ ޤައުމުތަކާއި ޖަމުޢިއްޔާތަކުން މުހިންމުކަމެއް ދީގެން ކުރަންޖެހޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މެލޭރިއާއާއިބެހޭ އެންމެ ފަހުގެ ރިޕޯޓުގައި ބުނީ އެފުރިކާއަށް ކޯވިޑް-19 ފޯރުމުގެ ކުރިންވެސް މެލޭރިއާއާއި ދެކޮޅަށް އެފުރިކާގައި ކުރަމުން އައި މަސައްކަތަށް ކޮންމެވެސް ވަރަކަށް ހުރަސްއެޅިފައިވާކަމަށެވެ.

2019ވަނަ އަހަރު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 229 މިލިއަން މީހުންނަށްވަނީ މެލޭރިއާ ޖެހިފައެވެ. އެ ޢަދަދަކީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެއް މިނެއްގައި ހިފެހެއްޓިފައި އޮންނަ ޢަދަދެކެވެ. 2018ވަނަ އަހަރުގައި އެ ބަލީގައި 411،000 މީހުން މަރުވެފައިވާއިރު 2019ވަނަ އަހަރު އެ ޢަދަދުވަނީ 409،000އަށް ދަށްވެފައެވެ.

ޑަބްލިއުއެޗުއޯއިންބުނީ ފަރުވާ ދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ މައްސަލަކަމަށެވެ. 2000ވަނަ އަހަރު އެފުރިކާގެ ލީޑަރުންވަނީ 10 އަހަރު ދުވަހުގެ ތެރޭގައި މެލޭރިއާގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު 50 އިންސައްތައިން ދަށްކުރުމަށް އަޒުމު ކަނޑައަޅައިފައެވެ. އެއާއިއެކު އެ ލަނޑުދަނޑި ޙާޞިލްކުރުމަށް ގިނަ ޢަދަދެއްގެ މާލީ އެހީތެރިން ދިޔައީ ލިބެމުންނެވެ. ނަތީޖާއެއްގެ ގޮތުން މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ ޢަދަދުވަނީ 44 އިންސައްތައަށް ދަށްކުރެވިފައެވެ.

ނަމަވެސް މާލީ އެހީތެރިކަން ލިބުމުގައި ދެން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރަމުންދިޔަ މަސައްކަތަށްވަނީ އަސަރުކޮށްފައެވެ. 2019ވަނަ އަހަރުގައި އެ މަސައްކަތަކަށް ހޯދުމަށް އަމާޒުކުރި 5.6 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަމުގެ ބަދަލުގައި އެ އަހަރު ލިބިފައިވަނީ 2.6 ބިލިއަން ޑޮލަރުގެ އެހީތެރިކަމެވެ. ޑަބްލިއުއެޗުއޯއިންބުނީ ބަލި ޖެހޭ މީހުންގެ ޢަދަދު މަދުކުރުމަށް މި އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލްނުކުރެވޭނެކަމަށް ބެލެވޭކަމަށާއި ކުރިން އަންދާޒާކޮށްފައިވާ ޢަދަދަށްވުރެ 37 އިންސައްތަ އިތުރަށް މީހުންނަށް ބަލިޖެހި، 22 އިންސައްތަ މީހުން އިތުރަށް މަރުވާނެކަމަށެވެ.