ޚަބަރު

އިންތިޚާބީ ރައީސް ބައިޑަން ވެއްޓި، ފަޔަށް އަނިޔާވެއްޖެ


އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން އޭނާގެ ކުއްތާއާއެކު ކުޅެން އުޅުއްވުމުގެ ތެރޭގައި ކައްސާލައި ވެއްޓި ފައިގެ ކުޑަހުޅަށް އަނިޔާވެއްޖެއެވެ.

ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސްކަމާއި ޙަވާލުވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ އުމުރުން 78 އަހަރުގެ ޖޯ ބައިޑަންގެ ޑޮކްޓަރު ވިދާޅުވީ ބައިޑަންގެ ކަނާތު ފައި ފުރޮޅާލާފައިވާކަން އެކްސްރޭއަކުން ޔަޤީންވެފައިވާކަމަށެވެ. އޭގެ ފަހުން ހެދި ސީޓީ ސްކޭނަކުން ކޮންމެވެސް ވަރެއްގެ ރެނދެއް ލާފައިވާކަމަށް ދައްކާފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށްއޮތް ހަފުތާތަކުގައި އެފަދަ އަނިޔާ ލިބުމުން ބޭނުންކުރާ ޚާއްޞަ ބޫޓެއް ތުރުކުރައްވަންޖެހޭނެކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ އިދާރާއިން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ހާދިޘާގެ ސަބަބުން އިތުރު މައްސަލައެއް ދިމާވެފައިވާ ނުވާކަން ޔަޤީންކުރުމަށް ކަށީގެ ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދާނެކަމަށެވެ. ބައިޑަންގެ ޞިއްޙީ އިތުރު އެހެން މައްސަލައެއް ނެތްކަން އިންތިޚާބާއި ދިމާކޮށް އާންމުކުރި މެޑިކަލް ހިސްޓްރީއިން ސާފުވާނެކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.