ދުނިޔޭގެ ވިޔަފާރި

ލަފާކުރިވަރަށްވުރެ ބޮޑު ކުރިއެރުމެއް މެކްސިކޯގެ އިޤްތިޞާދަށް


މިއަހަރުގެ ތިންވަނަ ކުއަރޓަރުގައި، ފާއިތުވި ތިރީސް އަހަރުގައި ކުރިނާރާ ވަރަށް މެކްސިކޯގެ އިޤްތިޞާދު ކުރިއަރައިފިއެވެ.

މެކްސިކޯގެ ނެޝަނަލް ސްޓެޓިސްޓިކްސް އިންސްޓިޓިއުޓުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) ވަނީ މިދިޔަ ކުއަރޓަރާ އަޅާބަލާއިރު 12 އިންސައްތައަށް ކުރިއަރާފައެވެ. ސީނިއަރ އިންޓަރނޭޝަނަލް އިކޮނޮމިސްޓެއް ކަމަށްވާ އަންދްރެސް އަބަޑިއާ ވިދާޅުވެފައިވާ ގޮތުގައި މި ކުރިއެރުމަކީ ލަފާކުރިވަރަށްވުރެ އިތުރު ކުރިއެރުމެކެވެ. ނަމަވެސް އިޤްތިސާދު އަދި މުޅިއަކުން ހަމައަކަށް ނޭޅޭކަމަށް އޭނާ ވިދާޅުވިއެވެ.

މެކްސިކޯގެ އިޤްތިސާދުގައި ހިއްސާވާ ސިނާޢަތްތަކުގެ ތެރެއިން ސިނާއީ މަސައްކަތްތަކުގެ ދާއިދާ މިދިޔަ ކުއަރޓަރަށްވުރެ 21.7 އިންސައްތަ ވަނީ ކުރިއަރާފައެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތަށް 8 އިންސައްތައިގެ ކުރިއެރުމެއް ވަނީ އައިސްފައެވެ.

ތަޖުރިބަކާރުން ލަފާކުރާގޮތުގައި އިޤްތިސާދަށް މިއައި ކުރިއެރުން މާގިނަ ދުވަސްތަކެއް ވަންދެން ދެމިގެންނެއް ނުދާނެއެވެ. އެގޮތުން އަންނަ ކުއަރޓަރުގައި އިޤްތިސާދު ކުރިއަރަމުންދާ ނިސްބަތް 0.9 އިންސައްތައިގައި މަޑު ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

އަދި 2020 ވަނަ އަހަރު ނިމޭއިރު ޖުމްލަ ގޮތެއްގައި އިޤްތިސާދީ ދުވެލި 9.2 އިންސައްތައަށް ދަށްވާނެ ކަމަށް ބެލެވެއެވެ. އެގޮތުން ފާއިތުވި ކުއަރޓަރު ނިމެންދިޔަ ތަނުގައިވެސް އެކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.