ދުނިޔޭގެ ވިޔަފާރި

އަޖުމަ ބެލުމަށް ސިންގަޕޫރަށް މެލޭޝިޔާއިން ކަރަންޓް އެކްސްޕޯޓްކުރަނީ


އަޖުމަ ބެލުމަށް ސިންގަޕޫރަށް މެލޭޝިޔާއިން ކަރަންޓް އެކްސްޕޯޓްކުރުމުގެ މަޝްރޫޢެއް ފަށަން އިޢުލާންކޮށްފިއެވެ.

ސިންގަޕޯރ އެނާޖީ މާކެޓް އޮތޯރިޓީ، އީއެމްއޭއިން ބުނިގޮތުގައި އަޖުމަ ބެލުމުގެ ގޮތުން އެ ގައުމަށް މެލޭޝިޔާއިން 2 އަހަރުގެ މުއްދަތަކަށް ކަރަންޓް ގަތުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުއަކީ މޫސުމަށް އަންނަ ބަދަލު ކުޑަކުރުމަށް ސިންގަޕޫރު ސަރުކާރުން އެކުލަވާލާފައިވާ މާސްޓާރ ޕްލޭންގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަޖުމަބެލުމުގެ މުއްދަތު ހަމަވުމުން މަޝްރޫޢުގެ ކާމިޔާބީއަށް ބަލާ ކައިރި ގައުމުތަކުން ކަރަންޓް ގަންނަ ނިސްބަތް އިތުރުކުރާނެކަމަށް، އީއެމްއޭއިން ބުނެއެވެ.

ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް އެނާޖީ ވީކްގައި އެ ގައުމުގެ މިނިސްޓާރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީ، ޗަން ޗުން ސިންގ ވިދާޅުވީ މި މަޝްރޫއަކީ ސަރަހައްދީ ކަރަންޓު ފޯރުކޮށްދޭ ވިއުގައި ނުވަތަ ރީޖަނަލް ގްރިޑް އާޓިޓެކްޗާ ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެއްކަމަށެވެ. މި މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމުތަކުން 100 މެގާވަޓުގެ ކަރަންޓް އުފައްދައިގެންކަމަށް ޗަން ވިދާޅުވިއެވެ. އަދި 2 އަހަރުގެ މުއްދަތައް މި މަޝްރޫޢު ކުރިއަށްގެންދާއިރު މި މަޝްރޫޢުގެ ކާމިޔާބީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްދާނެކަމަށް ޗަން ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ މާޗް ހިސާބްގައި 100 މެގާވަޓްގެ ކަރަންޓް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އީއެމްއއިން މައުލޫމާތުދެއެވެ. މިއީ ސިންގަޕޫރުގެ ޕީކް ގަޑީގައި ހިނގާ ކަރަންޓުގެ މިންވަރުގެ 1.5 އިންސައްތަކަމުގައިވާއިރު، މިއަދަދު އެތައް ގުނައަކުން އިތުރުކޮށްގެން ނޫނީ މި ނިޒާމު ކާމޔާބުނުވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ސިންގަޕޫރާއި މެލޭޝިޔާއާ ދެމެދުގައި ޤާއިމު ކޮށްފައިވާ ކަރަންޓް އިންޓަރ ކަނެކްޓާ މެދުވެރިކޮށް ކުރިއަށްގެންދާ މި މަޝްރޫޢުގެ އިތުރު ތަފްސީލު މިއަހަރުގެ ފަހުކޮޅު ހާމަކުރާނެކަމަށް ސިންގަޕޫރު ސަރުކާރުން ބުނެއެވެ.