ޚަބަރު

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕެއޯ އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ


އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕެއޯ އަންނަ ބުދަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވާނެ ކަމަށް ފޮރިން މިިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޚާރިޖީ ވަޒީރާއި ދެބޭފުޅުންގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. މިވާހަކަތަކުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ހާލަތާއި ގުޅޭގޮތުންނާއި އެބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އެމެރިކާގެ މިހާ މަތީފަންތީގެ ބޭފުޅަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ 1992ގައެވެ. އެފަހަރުވެސް ރާއްޖެ ވަޑައިގެންނެވީ އޭރުގެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްކަމުގައި ހުންނެވި ޖޭމްސް އެޑިސަން ބޭކާއެވެ.

އެހެންކަމުން މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަކީ އެޤައުމުގެ ޚާރިޖީ ކަންކަމާއި ގުޅޭގޮތުން ރައީސްއަށް ލަފާއަރުވާ އެންމެ އިސް ބޭފުޅާއެވެ.

ޕޮމްޕެއޯ ރާއްޖެއާ ސްރީލަންކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކަށްފަހުގައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ދެޤައުމުގެދެމެދުގައި އެކި ދާއިރާތަކުން ވަނީ ގުޅުން ބަދަހިކުރެވިފައެވެ.