ޚަބަރު

ސެންޓްރަލް އޭޝިޔާގެ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްކަމަށް ލަތީފް


ސެންޓްރަލް އޭޝިޔާގެ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް އިންތިޙާބުކޮށްފިއެވެ.

މުޙައްމަދު ލަތީފް މިމަޤާމަށް އިންތިޚާބުކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ސެންޓްރަލް އެސޯސިއޭޝަން ބައްދަލުވުމުގެ ތެރެއިންނެވެ. އޭޝިއަން ވޮލީ ބޯލް ކޮންފެޑެރޭޝަންގެ ބޯޑުގައި އިންނަވާ މުޙައްމަދު ލަތީފް ސެންޓަރަލް އޭޝިޔާގެ ޒޯނަލް އެސޯސިއޭޝަންގެ ރައީސްގެ މަޤާމަށް މިއަދު އިންތިޚާބުވީ ވޯޓްގައި ބައިވެރި 13 ޤައުމުގެ ތެރެއިން 12 ޤައުމުގެ ވޯޓާއެކުގައެވެ. ރައީސްގެ މަޤާމަށް މުޙައްމަދު ލަތީފް އާއި ވާދަކުރި ބަންގްލަދޭޝްގެ ކެނޑިޑޭޓްވަނީ ވޯޓްގެ ކުރިން ނަން އަބުރާ ގެންގޮސްފައެވެ.

މިވޯޓްގައި ބައިވެރިވެފައިވަނީ އުޒްބެކިސްތާން، ތަޖަކިސްތާން، ތުރުކުމަނިސްތާން، ކަޒަކިސްތާން، ކިރްގިސްތާން، އަފްޣާނިސްތާން، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިޔާ، ނޭޕާލް އަދި ބޫޓާން އަދި އިރާނެވެ. މި އިންތިޚާބުގައި ނައިބް ރައީސްއަކަށް އިންތިޙާބްކޮށްފައިވަނީ އިންޑިޔާގެ ބޭފުޅެކެވެ. އަދި ސެންޓްރަލް އޭޝިޔާގެ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީއަށް އިންތިޙާބްކޮށްފައިވަނީ ކިރްގިސްތާންގެ ބޭފުޅެކެވެ.

ވޮލީގައި ރާއްޖެ ހިމެނޭ ސަރަހައްދުގެ އެންމެ އިސްފަރާތަކީ އޭވީސީއެވެ. އޭވީސީއިންވަނީ އެޖަމްޢިއްޔާގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ފަސް ޒޯނަކަށް ބަހާލާފައެވެ. ސެންޓްރަލް އޭޝިޔާގެ ޒޯނަލްއަކީ ދެކުނު އޭޝިޔާގެ ހަރަކާތްތައް ކުރިއަށްގެންދާނެ އެންމެ އިސްފަރާތެވެ.

މި ހުރިހާ ޒޯންތައް އޭވީސީގެ ބެލުމުގެ ދަށުން ހަރަކާތްތެރިވާއިރު، ވޮލީގެ މައި އިދާރާއަކީ އެފްއައިވީބީއެވެ. މުޙައްމަދު ލަޠީފްވަނީ 2017ވަނަ އަހަރުވެސް އޭވީސީގެ ބޯޑަށް އިންތިޙާބުވެފައެވެ. މިދެ ބޯޑުގައިވެސް އިންނަވާ މުޙައްމަދު ލަތީފް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމުން ދުރުކޮށްފައިވަނީ އެޖަމްޢިއްޔާގެ މައްސަލަތަކެއް ޔޫތް މިނިސްޓްރީއިން ބަލަމުންދާކަމަށް ބުނެއެވެ. އަދި މިހާރު ވީއޭއެމްގެ މަސައްކަތްތަށް ކުރަމުންދަނީ އިންޓަރިމް ކޮމެޓީއަކުންނެވެ.