ޚަބަރު

ޔޫއޭއީން އިސްރާއީލަށް ވަފުދެއް ފޮނުވުމުން ފަލަސްޠީނުގެ ހިތްހަމަނުޖެހުން


ޔޫއޭއީގެ ރަސްމީ ވަފުދަކުން ފުރަތަމަ ފަހަރަށް އިސްރާއީލާށް ދަތުރުކޮށް، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ވެފައިވާ އެއްބަސްވުމަށް އިތުރަށް ބާރުދީފިއެވެ. އެ ދަތުރުގައި ޔޫއޭއީގެ އިސް ފަރާތްތަކުގެ އިތުރުން އެމެރިކާގެ ބައެއް ރަސްމީ ފަރާތްތަށްވަނީ ބައިވެރިވެފައެވެ.

ވަފުދުގެ އެންމެ އިސް ބޭފުޅުންގެ ގޮތުގައި ހުންނެވީ ޔޫއޭއީގެ އިޤްތިޞާދީ ވަޒީރު އަބްދުﷲ ބިން ތޫގު އަލްމާރީއާއި މާލީ ވުޒާރާގެ ސްޓޭޓު މިނިސްޓަރު އުބައިދު ހުމައިދު އަލްތާޔަރުއެވެ. އެ ދަތުރުގައި ދެން ބައިވެރިވެ ވަޑައިގެންފައިވަނީ އެމެރިކާގެ ޓްރެޝަރީ ސެކެޓްރީ ސްޓީވެން މުނޫޝިންއާއި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު އާރީ ބާކޮވިޓްޒެވެ.

ޔޫއޭއީއިން އިސްރާއީލަށް ދަތުރުކުރި ވަފުދަށް މަރުޙަބާ ކިޔުއްވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންދާފަދަ ގޮތަކަށް ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުން ތާރީޚު ބަދަލުވެގެންދާނެކަމަށެވެ. ޔޫއޭއީގެ އެހާ އިސް ވަފުދެއް އިސްރާއީލަށް ދަތުރުކުރުމުން ދެ ޤައުމުގެ ރައްޔިތުންނާއި މުޅި ސަރަޙައްދަށާއި ދުނިޔެއަށް ޤައުމުތަކުގެ މެދުގައި ރަހުމަތްތެރި އަދި އަމާން ގުޅުމެއް ބަދަހިކުރުމުގެ ފައިދާ ފެނިގެންދާނެކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

ޔޫއޭއީގެ ވަފުދު އިސްރާއީލަށް ކުރި ދަތުރުގައި ހަތަރު އެއްބަސްވުމެއްގައިވަނީ ސޮއި ކޮށްފައެވެ. އިންވެސްޓުމަންޓުތައް އިތުރުކޮށް އޭގެ ރައްކާތެރިކަން އިތުރުކުރުމާއި، ސައިންސާއި އުފެއްދުންތެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތްކުރުމާއި ސިވިލް އޭވިއޭޝަން ދާއިރާގައި ގުޅުން ބަދަހިކުރުމުގެ އިތުރުން ވިސާ މަޢާފުކުރުން އޭގެ ތެރޭގައި ހިމެނެއެވެ.
އެމިރޭޓްސްގެ މަލީ ވުޒާރާގެ ސްޓޭޓު މިނިސްޓަރު އުބައިދު ހުމައިދު އައްތާޔިރު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމަށާއި އިޤްތިޞާދީ ކުރިއެރުމަށް ގިނަ ފުރުޞަތުތައް ހުޅުވިގެންދާނެކަމަށެވެ. ޓެކްސްގެ ކަންކަމާއި މާލީ ގުޅުންތަކާބެހޭ މަޝްވަރާތަކަށް އިޝާރާތްކުރައްވާ އޭނާ އިތުރަށް ވިދާޅުވީ މިހާރުވެސް ރަނގަޅު ކުރިއެރުންތައް އެ ދާއިރާތަކުން ލިބެމުންދާކަމަށެވެ. އަދި ކުރިއަށް އޮތް އަވަސް މުސްތަގުބަލުގައި އިސްރާއީލުގެ ވަފުދަކަށް ޔޫއޭއީގައި މަރުޙަބާ ކިޔުމަށް އުންމީދުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔޫއޭއީއިންވަނީ އެމެރިކާ މެދުވެރިވެ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބެލެވޭ ގޮތުގައި ޔޫއޭއީއިން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިވަނީ އީރާނާމެދު އޮންނަ ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. އެ ނިންމުމުގެ ސަބަބުން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ޔަޤީންވާނެކަމަށް އެމެރިކާއާއި އެ އެއްބަސްވުމަށް ތާޢީދުކުރާ އެހެން ޤައުމުތަކުންދަނީ ބުނަމުންނެވެ. ޔޫއޭއީގެ ވަފުދެއް އިސްރާއީލާށް ޒިޔާރަތްކުރުމަކީ 'ތާރީޚީ ކުރިއެރުމެއް'ކަމަށް އިސްރާއީލުން ސިފަކުރި ނަމަވެސް ފަލަސްޠީނުންވަނީ އެކަމާ ނުރުހުން ފައުޅުކޮށްފައެވެ. ފަލަސްޠީނުންވަނީ އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް ޔޫއޭއީއިން ނިންމި ނިންމުން ބަލައިގަތުމަށް ދެކޮޅުހަދައި، އަމިއްލަ ދަޢުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ފަލަސްޠީނަށް ޔޫއޭއީއިން ބޭވަފާތެރިވެފައިވާކަމަށް ތުހުމަތުކޮށްފައެވެ.

ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އިސް ފަރާތެއްކަމަށްވާ ވާޞިލް އަބޫ ޔޫސުފު ވިދާޅުވީ ޔޫއޭއީއިން އިސްރާއީލަށް ޒިޔާރަތްކޮށްފައިވަނީ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުގެ ރައްޔިތުން ޤަވާއިދާ ޚިލާދަށް އާބާދުކުރުމަށް އިސްރާއީލުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި އިސްރާއީލަށް ޔޫއޭއީއިން ކޮށްފައިވާ ދަތުރާމެދު ޔޫއޭއިން ލަދުގަންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިސްރާއީލާއެކު ޔޫއޭއީއިން ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ނުހައްޤުން ދެމުންދާ އަނިޔާތަކަށް ހިތްވަރުދޭކަމަށެވެ.

ޙަމާޞް ޖަމާޢަތުގެ ފަރާތުން ވާހަކަދެއްކި ހާޒިމް ޣައްސާމް ބުނީ ޔޫއޭއީއިން ކުރި ޒިޔާރަތްފަދަ ޒިޔާރަތްތަކުގެ ސަބަބުން ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލަށް ބާރު ލިބޭކަމަށެވެ.