ޚަބަރު

ބުރެޒިލުގެ ވެކްސިން ޕުރޮގުރާމުގައި ޗައިނާގެ ކޯވިޑް-19 ވެކްސިން ބޭނުންކުރަނީ


ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން އުފައްދާ ވެކްސިނެއް ބުރެޒިލުން ބޭނުންކުރުމަށް ނިންމައިފިއެވެ.

ސައޯ ޕައުލޯގެ ގަވަރުނަތު ޖޮއާއޯ ޑޯރިއާ ވިދާޅުވީ ޗައިނާގެ ސިނޯވެކް ބަޔޯޓެކުން ކޯވިޑް-19އާ ދެކޮޅަށް އުފައްދަމުންދާ ކޮރޯނާވެކް ނަމަކަށް ކިޔާ ވެކްސިނެއްގެ 46 މިލިއަން ޑޯޒު ގަތުމަށް މަރުކަޒީ ސަރުކާރުން އެއްބަސްވެފައިވާކަމަށެވެ. ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ދިނުމުގެ ޕުރޮގުރާމެއް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފެށޭނެކަމަށް ބެލެވޭކަމަށެވެ. އެފަދަ ޕުރޮގުރާމެއް ޖަނަވަރީ މަހުގައި ފެށިއްޖެނަމަ ބުރެޒިލުގެ އެ މަސައްކަތް ހިމެނިގެންދާނީ ދުނިޔޭގައި ފަށައި އެފަދަ ދުރަތަމަ މަޝްރޫޢުތަކުގެ ތެރޭގައެވެ.

ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ބުރެޒިލު ހިމެނެއެވެ. ބަލިޖެހިފަިއވާ 7.6 މީހުންނާއެކު އެމެރިކާއާއި އިންޑިޔާއަށްފަހު ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ ބުރެޒިލެވެ. އަދި 154،888 މަރާއެކު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީވެސް ބުރެޒިލުގައެވެ.

ޗައިނާގެ ކޮރޯނާވެކް ބޭނުންކުރުމަށް ބުރެޒިލުގެ ކަމާބެހޭ އިދާރާތަކުން ޙުއްދަދީފިނަމަ އެ ވެކްސިން ވެގެންދާނީ ބުރެޒިލުގެ ވެކްސިނު ޕުރޮގުރާމުގައި ބޭނުންކުރާ ދެވަނަ ވެކްސިނަށެވެ. ކޮރޯނާވެކްގެ އިތުރުން އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީއާއި އެސްޓްރަޒެނެކައިން އުފައްދާ ވެކްސިނެއް ބޭނުންކުރުމަށްވެސް އެ ޤައުމުންދަނީ ރާވަމުންނެވެ.
ޗައިނާގެ ވެކްސިންގެ ތަހުލީލުތައްދަނީ ސައޯ ޕައުލޯގެ އިސާޗު ސެންޓަރު ބުޓަންޓަން އިންސްޓިޓިއުޓުގައި ކުރިއަށްދަމުންނެވެ. ދެ ޑޯޒް ހިމެނޭ ކޮރޯނާވެކްގެ ފަހު މަރުޚަލާގެ ތަހުލީލުތަކުން އެ ވެކްސިނަކީ ރައްކާތެރި އެއްޗެއްކަމަށް ދައްކާކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ. ނަމަވެސް އެއީ އިބްތިދާޢީ ނަތީޖާކަމަށާއި އަދިވެސް އިތުރު ތަހުލީލުތައް ކުރިއަށްދާކަމަށް އެ ފަރާތުން ބުންޏެވެ.