ޚަބަރު

މިިނިވަން މުއައްސަސާތަކުގެ ކޮމިޓީ: ތަޙުޤީޤީ ކޮމިޝަންތަކަށް މެމްބަރުންގެ ގިނަ ފާޑުކިޔުންތަކެއް


ފަހުގެ ތާރީޚުގައި ދައުލަތުން ވެފައިވާ އެންމެބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީގެ މައްސަލާގައި އޭސީސީއާއި، ޕީޖީއާއި އެސެޓް ރިކަވަރީ ކޮމިޝަން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި މެމްބަރުންނާއި، މުއައްސަސާތަކާއިމެދު ހޫނު ބަހުސްއެއް ގޮސްފިއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާ ކޮމިޓީއަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއާއި، ޕީޖީ ހުސެއިން ޝަމީމްގެ އިރުތުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދުވަނީ ހާޒިރުކޮށްފައެވެ. މިއަދުގެ ކޮމިޓީއަށް ކަމާއިބެހޭ އިދާރާތައް ހާސިރުކުރެވުނީ އެމްއެމްޕީއާރުސީ މައްސަލާގައިކަމަށްވިޔަސް މެމްބަރުންވަނީ ވެންޓިލޭޓަރު މައްސަލާގައިއިވެސް ގިނަ ސުވާލުތަކެއް މެމްބަރުންނަށް އަމާޒުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ވާހަކަ ދައްކަވަމުން އެސެޓް ރިކަވަަރީ ކޮމިޝަންގެ ރައީސް އައްސަދު ވިދާޅުވީ މިމައްސަލަޔަކީ އެތައް ބަޔަކު ހިމެނޭ މައްސަލަޔަކަށްވާއިރު މައްސަލާގައި ވަރަށްގިނަ ކަންކަން ތަޙްޤީގު ކުރަންޖެހޭކަމަށެވެ. އައްސަދު ވިދާޅުވީ ޓޫރިޒަމް ޤާނޫނާ ޚިލާފަށް 12 ފަޅާއި، 37 ރަށް ދޫކޮށްފައިވާއިރު، ޤާނޫނީ ގޮތުން ބަލާނަމަ އެއީ މިހާރުވެސް ބޮޑު މައްސަލައެއް ގޮތުގައި ފެންނަ ކަމެއްކަމަށެވެ. އޭގެ އިތުރުން، ކޮމިޝަނުން ބަލަމުންދިޔަ 5 މައްސަލައެއްގެ ތެރެއިން 2 މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާކަން ފާހަގަ ކުރައްވައި އައްސަދު ވިދާޅުވީ، އޭގެ ތެރެއިން އެއް މައްސަލައިގެ ތަހުޤީޤުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީގެ މެއިލް ސަރވަރއަށް އެކްސެސް ހޯދައި ބަލާފައިވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި އޭސީސީން ވިދާޅުވީ މިމައްސަލާގައި ޚާއްސަ އިސްކަމަމެއްދީގެން 20 މައްސަލައެއް ތަޤްޤީގް ކުރަމުންދާކަމަށެ.ެ ޕީޖީ ވިދާޅުވީ މިމައްސަލަޔަށް ޚާއްސަކޮށްގެން 6 ޕްރޮސެކިޓަރުން މިހާރުވެސް ކަނޑައަޅާފައިވާކަމަށެވެ. މިމައްސަލާގައި ހެއްކާއި ޤަރީނާއާއިއެކު ހުށަހަޅައިފިނަމަ ހުށަހަޅާތާ މަދު ދުވަސްތެރޭގައި ދައުވާ ކުރުމުގެ މައްސަލަ ކުރިއަށްދާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައާއިއެކު ގިނަ ސުވާލުތަކެއް ވެންޓިލޭޓަރު މައްސަލާގައިވެސް ވަނީ އޭސީސީއާއި ޕީޖީއަށް ކުރިމަތިކޮށްފައެވެ. މިމައްސަލާގައި ކުރެއްވި ސުވާލުތަކަށް އޭސީސީންވަނީ މިމައްސަލާގައި ދައުވާކުރެވޭ ވަރަށް ހެއްކާއެކު ޕީޖީއަށް މައްސަލަ ފޮނުވިކަމަށް މިއަދުވެސް ވިދާޅުވެފައެވެ. ނަމަވެސް ޕީޖީވަނީ އެކަމަަށް އިންކާރުކޮށް، މައްސަލަ ފޮނުވާފައިވަނީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާވެސް ފުރިހަމަ ނުކޮށް ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ކޮމިޓީގައި މެމްބަރުންވަނީ ތިން އިދާރާއަށްވެސް މައްސަލަތައް ނުބެލޭކަމުގެ ޝަކުވާއާއިއެކު ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. އަދި ބައެއް މެމްބަރުންވަނީ ކޮމިޝަނަތަކާއި މުއައްސަސާތަކަށް ވައްކަމާއި، ޚިޔާނާތުގެ މައްސަލަތައް ބެލުމަށް އެކަށިގެންވާ މަސައްކަތް ނުކުރެވޭތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކާފައެވެ.