ޚަބަރު

ގެއްލުނު ފައިސާ ލިބެންދެން ވެންޓިލޭޓަރު މައްސަލަ މަޖިލީހުން ބަލަންޖެހޭ: ރައީސް ނަޝީދު


ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރައި ހޯދައި ދެވެންދެން އެ މައްސަލަ މަޖިލީހުން ބެލުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާކަން މަޖިލީހުގެ ތަޅުމުގައި އިއުލާނު ކުރެއްވުމަށް ފަހުގައި މަޖިލިސް ރައީސް ވިދާޅުވީ ރޭ ދަންވަރު މިނިސްޓަރ އަމީން މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން މީޑިޔާތަކުން އެގިވަޑައިގެންފައިވާކަމަށެވެ. އަދި ރަސްމީކޮށް މަޖިލީހަށް އެކަން އެންގުމުން އިތުބާރު ނެތްތަކމުގެ އެ މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދިއުމާއިއެކު ގޮތެއް ނިމިގެންދާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ކުރިވެދިޔަ ތަޚުޤީގުތަކުގައި ދައުވާ އުފުލޭނެވަރަށް ހެކި ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެފައި ވާކަމަށެވެ. ނަމަވެސް މިމައްސަލައަކީ ފުލުހުންނާއި އޭސީސީން ކުރި ތަހުގީގުން މިކަމުގައި ޝާމިލުވާ މީހުން ހޯދިފައިވާ މައްސަލައަކަށްވުމުން މިކަމުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ލިބެންދެން މަޖިލީހުން މިމަސައްކަތް ކުރަންޖެހޭކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

"މިޚިލާފް އުފެދިފައިވާތީ އަޅުގަނޑު އެދެން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިމައްސަލަ އިތުރަށް ބައްލަވައި ދެއްވުމަށް. މި ވެންޓިލޭޓަރުތައް ގަތުމުގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި އެފަރާތްތަކަށް ހައްޤު އަދަބު ދެވި، އަދި ދައުލަތަށް ގެއްލުންވި ފައިސާ އަބުރާ ދައުލަތަށް ހޯދުން. އެކަން ނިމެންދެން މި މަޖިލިސް މިމައްސަލާގައި ފާރަވެރިކަމާއިއެކީގައި އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިމަޖިލީހުގެ ޤާނޫނީ ވާޖިބެއް" މަޖިލިސް ރައީސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިނިސްޓަރ އަމީން މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ މަޤާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ކުރިއަށް ގެންދަނިކޮށެވެ. އަދި ވެންޓިލޭޓަރުގެ މައްސަލާގައި އޭސީސީން ދައުވާކުުރުމަށް ފޮނުވާފައިވާ މައްސަލާގައި ޕީޖީ އޮފީހުން ދައުވާ ނުކުރުމަށް ނިންމާފައިވަނިކޮށެވެ.