ޚަބަރު

ޓްރަންޕު ސިފަކުރެއްވީ ފައުޗީއަކީ 'މުސީބާތެއް'ގެ ގޮތުގައި!


ގައިންގަޔަށް އަރާ ބަލިތަކާބެހޭ އެމެރިކާގެ އެންމެ އިސް ސައިންސުވެރިޔާ، ޑރ. އެންތޮނީ ފައުޗީއަށް އަމާޒުކޮށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު ވަރުގަދަ ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ.

ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅައްގައި މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 8.4 މިލިއަން މީހުންނަށް ބަލިޖެހި 215،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެމެރިކާގެ ޙާލަތު އެހާ ގޯސްވީ ބައްޔާ ދެކޮޅަށް ރައީސް ޓްރަންޕު އެދެވޭ ފިޔަވަޅުތައް އަޅުއްވާފައި ނުވާތީކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ފެށުމަށް ދެ ހަފުތާއަށް ވެފައިވަނިކޮށް އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޓްރަންޕު ފައުޗީއަށް ނިސްބަތްކުރައްވާ ދައްކަވާފައިވާ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

ކެމްޕެއިނު ކޯލެއްގައި ވާހަކަ ދައްކަވަމުން ރައީސް ޓްރަންޕު ވިދާޅުވީ ފައުޗީ ހިމެނޭގޮތަށް ރަސްމީ ޞިއްޙީ މާހިރުންނަކީ ނުވިސްނޭ މޮޔައިންތަކެއްކަމަށެވެ. އެ ޤައުމުގެ ޙާލަތު މިހާތަނަށް ރަނގަޅު ވެފައި ނުވާ ނަމަވެސް އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމުގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމަށް ޞިއްޙީ މާހިރުން އިންޒާރުދެމުންދާ އިރުވެސް ޓްރަންޕު ވިދާޅުވަމުންދަނީ ސަރުކާރުގައި ތިބި ބައެއް 'ހަމަނުޖެހޭ' ބޭފުޅުން ކޯވިޑް-19އާގުޅޭ ގޮތުން ދައްކަމުންދާ ވާހަކަތަކުގެ މަތިން ޢާންމުން ފޫހިވެފައިވާކަމަށާއި އެންމެންވެސް ބޭނުންވަނީ އެ ބާބު ލެއްޕުމަށްކަމަށެވެ. އުމުރުން ވަރަށް ދުވަސްވެފައިވާ ބޭފުޅެއްގެ ގޮތުގައި ފައުޗީ ސިފަކުރައްވާ ޓްރަންޕު ވިދާޅުވީ ކޯވިޑް-19ގެ ކަންކަމާ ފައުޗީ ޙަވާލުވެ ހުންނެވިނަމަ އެމެރިކާގައި ބައި މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވާނެކަމަށެވެ.

ޑރ. ފައުޗީއަކީ 1984ވަނަ އަހަރުން ފެށިގެން އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑިރެކްޓަރުކަން ކުރައްވަމުންދާ ތަޖުރިބާކާރު މާހިރެކެވެ. އޭނާއަކީ ވައިޓު ހައުސްގެ ކޮރޯނާވައިރަސް ޓާސްކު ފޯހުގެ މެންބަރެއްވެސްމެއެވެ. ފައުޗީއަށް އަމާޒުކުރައްވާ ރައީސް ޓްރަންޕު ބަދުބަސްތައް ވިދާޅުވަމުންދިޔަ ވަގުތު އެމެރިކާގެ ނޭޝަނަލް އެކެޑެމީ އޮފް މެޑިސިނުންވަނީ 'ޕްރެސިޑެންޝަލް ސައިޓޭޝަން ފޮރ އެގްސަމްޕަލްރީ ލީޑަޝިޕް' ކިޔާ ޝަރަފެއް ފައުޗީއަށް އަރުވާފައެވެ.

ފައުޗީއަށް އަމާޒުކޮށް ރައީސް ޓްރަންޕު ބަހުގެ ޙަމަލާތަކެއް ދެއްވާފައިވަނީ ކޯވިޑް-19އާ ދެކޮޅަށް ރައީސް ޓްރަންޕު ގެންގުޅުއްވާ ސިޔާސަތުތަކަށް ފައުޗީ ތާއީދުކުރާކަމަށް ދޭހަވާފަދަ މޭރުމަކުން ކެމްޕެއިނު އިސްތިހާރެއް މީގެ ދުވަސްކޮޅެއް ކުރިން އާންމުކޮށްފައިވަނިކޮށެވެ. އެ އިސްތިހާރާ ދެކޮޅަށް ފައުޗީވަނީ ވާހަކަދައްކަވާފައެވެ. އަދި އެ އިސްތިހާރު ބޭނުންނުކުރުމަށްވެސްވަނީ އެދިފައެވެ. އެ އިސްތިހާރުގައި ފައުޗީގެ ނަން ބޭނުންކޮށްފައިވުމުން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ފައުޗީގެ ބަހަކީ ކެމްޕެއިނަށް މުހިންމު އެއްޗެއްކަން ދޭހަކޮށްދެއެވެ.