ވިޔަފާރި

އައިޓީއެފްސީން ބީއެމްއެލްއަށް 5 މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިންގ ފެސިލިޓީއެއް


އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިއެސްޑީބީ ގްރޫޕްގެ މެންބަރެއްކަމަށްވާ ދި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން، އައިޓީއެފްސީން ބޭންކް އޮފް މޯލްޑިވްސް އަށް 5 މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިންގ ފެސިލިޓީއެއް ހަމަޖައްސައިދީފިއެވެ.

މި ފެސިލިޓީއަކީ ބޭންކުގެ ޕްރައިވެޓް ވިޔަފާރިތަކާއި ހާއްސަކޮށް ރާޢްޖޭން ބޭރުގެ މާކެޓްތަކުން މުދާ ގެންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކަށް ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީއެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

އައިޓީއެފްސީން ފުޅާ ދާއިރާއެއްގައި ޕްރައިވެޓް ސެކްޓަރއަށް އަމާޒުކޮށް އެހީތެރިވުމަށް އެކި ގައުމުތަކުގެ ލޯކަލް ބޭންކްތައް މެދުވެރިކޮށް ފައިނޭންސް ދޫކުރަމުންދާއިރު، ބޭންކް އޮފް މޯލްޑިވްސް އަކީ އައިޓީއެފްސީ އާ ގުޅިގެން ރާއްޖެއަށް ފައިނޭންސް ހަމަޖައްސައިދޭ ފުރަތަމަ ބޭންކެވެ.

އައިޓީއެފްސީގެ ފައިނޭންސް ހަމަޖެހިގެން ގޮސްފައި މިވަނީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔޭގެ ވިޔަފާރިއަށާއި މާލީ ދާއިރާއަށް ބޮޑެތި ލޮޅުންތަކެއް އެރުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަދި އޯއިސީގެ މެންބަރު ގައުމުތަކަށްވެސް އިޖްތިމާއީ އަދި އިގްތިސާދީ ހީނަރުކަން ދިމާވެފައިވާ ނާޒުކު ދަނޑިވަޅެއްގައިކަން ބީއެމްއެލްއިން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ނުހަނު ބޮޑަށް އަސަރުކޮށްފައިވާއިރު ބޭންކުން ދަނީ ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެކި މަސައްކަތްތައް ކުރަމުންކަމަށެވެ. މި މަސައްކަތުގެ ތެރެއިން އައިޓީއެފްސީއާ ގުޅިގެން ވިޔަފާރިތަކަށް ހާއްސަކޮށް 5 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގއެއް ހަމަޖެހިގެންދާކަމީ ބެންކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

މުރާބަހާ ފައިނޭންސިންގ ފެސިލިޓީ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ އީއެންޖީ ހާނީ ސަލިމް ސޮންބޮލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވި، އަދި މުދާ އިމްޕޯޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން މި ފައިނޭންސް ތައާރަފްކުރެވޭކަމީ ލިބޭ ފަޚްރެއްކަމަށެވެ. އަދި އައިޓީއެފްސީގެ ސްޓްރެޓެޖީގެ މައިގަނޑު އެއް އަސާސަކީ ބޭންކް އޮފް މޯލްޑިވްސްފަދަ މާލީ އިދާރާތަކާ ގުޅިގެން، އެފަރާތްތައް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

އައިޓީއެފްސީ އިން މިވަގުތު ދޫކުރުމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޯވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން މި ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި، ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް އޯއިސީގެ ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ދިވެހިރާއްޖޭގެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.