ދުނިޔޭގެ ވިޔަފާރި

ޔޫކޭގެ "ޓްރެވަލް ކޮރިޑޯ" ލިސްޓަށް ތައިލެންޑާއި ސިންގަޕޫރު


ތައިލެންޑާއި ސިންގަޕޫރުން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން ކަރަންޓީންވާން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ދަތުރުކުރުމަށް ފަސޭޙަ ޤައުމުތަކުގެ ލިސްޓުގައި ސިންގަޕޫރާއި ތައިލެންޑް ހިމަނާފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާނެކަމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޯވިޑްއާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ބައެއް ޤައުމުތަކަށް ޒިޔާރަތްކުރާ އިނގިރޭސިވިލާތުގައި އުޅޭ މީހުންނާއި ބައެއް ޤައުމުތަކުން އިނގިރޭސިވިލާތަށް ޒިޔާރަތްކުރާ މީހުން ވަކި މުއްދަތަކަށް ކަރަންޓީންވާންޖެހެއެވެ. އެގޮތުން ކަރަންޓީން ވާންޖެހެނީ އާބާދީގެ ނިސްބަތުން ކޯވިޑް ފެތުރޭ މިންވަރު ވަކި ވަރަކަށްވުރެ އިތުރު ޤައުމުތަކުންނެވެ.

ތައިލެންޑާއި ސިންގަޕޫރަށް ދަތުރުކޮށްފައި އެނބުރި ޔޫކޭއަށް އަންނަ މީހުން ކަރަންޓީންވާން ނުޖެހުނަސް، އެޤައުމުތަކަށް ޔޫކޭއިން ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވާނެކަމަށް ނުބެލެވޭކަމަށް ޚަބަރުތައް ބުނެއެވެ. އެއީ ސިންގަޕޫރާއި ތައިލެންޑުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން އެޤައުމުތަކަށް ދަތުރުކުރެވެނީ ޒަރޫރީ ކަންކަމަށް އެކަނިކަމަށްވާތީއެވެ.

އިނގިރޭސިވިލާތުން އެކުލަވާލާފައިވާ ލުއިދޭ ޤައުމުތަކުގެ ލިސްޓުގައި އިތުރު ޤައުމުތައް ހިމަނަމުންދިޔަނަމަވެސް، އެޤައުމުގެ އެއަރޕޯޓްތަކުގައި ކޯވިޑްއަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖައްސާފައިނުވާތީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާގޮތުން އެއަރޕޯޓްތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެނަމަ، ކަރަންޓީންވާންޖެހޭ މީހުންގެ އަދަދު ދަށްވެ، ވިޔަފާރިތަކަށް އޭގެ ފައިދާކުރާނެއެވެ.

ކޯވިޑްއާއެކު އިނގިރޭސިވިލާތުގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، އެޤައުމު ފާހަގަވެފައިވަނީ ބޮޑެތި އިޤްތިޞާދުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު އިޤްތިޞާދުގެ ގޮތުގައެވެ.