ދުނިޔޭގެ ވިޔަފާރި

ތައި އެއަރވޭސްގެ ކެއުންތައް ލިބޭ ރެސްޓޯރަންޓެއް!

ކޯވިޑްއާއެކު ވައިގެ ދަތުރުފަތުރުކުރުން އެއްކޮށް ހުއްޓިފައިވާއިރު، ތައިލެންޑްގެ ޤައުމީ އެއަރލައިން، ތައި އެއަރވޭސްގެ މަތިންދާބޯޓުތައް ގްރައުންޑްކޮށްފައި އޮންނަތާ މިހާރު އެތައް މަހެއްވަނީ ވެފައެވެ. އެގޮތުން މިއަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހުން ފެށިގެން ތައި އެއަރވޭސްގެ ހުރިހާ ޕެސެންޖަރ ފްލައިޓްތައް ވަނީ ހުއްޓާލާފައެވެ. ފްލައިޓްތައް ހުއްޓާލިނަމަވެސް، މަތިންދާބޯޓުން ލިބޭ ކެއުންތައް ރަހަ ބަލާލުމަށް ބޭނުންވާ ފަރާތްތަކަށް ތައި އެއަރވޭސްއިން މިވަނީ ޚާއްސަ ރެސްޓޯރަންޓެއް ހުޅުވާފައެވެ.

ތައިލެންޑުގައި ހުންނަ ތައި އެއަރވޭސްގެ ހެޑް އޮފީހުގައި ފްލައިޓެއް ސިފަވާ ގޮތަށް މިމަހުގެ 3 ވަނަ ދުވަހު ހުޅުވި ރެސްޓޯރަންޓްގައި ތައި އެއަރވޭސްގެ ފްލައިޓްތަކުން ލިބޭ ހުރިހާ ކެއުމެއް ލިބެން ހުރެއެވެ. ރެސްޓޯރަންޓަށް ވަންނަން ހުންނަނީ ފްލައިޓްތަކަށް އެރުމަށް ބޭނުންކުރާ ކަހަލަ ސިޑީއެކެވެ.

މިރެސްޓޯރަންޓަށް ވަނުމުން އެމީހުންނަށް މަރުޚަބާ ކިޔުމަށް ތިބެނީ ފްލައިޓްތަކުގެ ކެބިން ކުރޫއިންނެވެ. އަދި މިރެސްޓޯރަންޓް ޑިޒައިންކޮށްފައިވަނީ މަތިންދާބޯޓުގެ އެކި ބައިތަކުންކަމަށްވާއިރު، ރެސްޓޯރަންޓަށް ވަންނަ ކޮންމެ މީހަކަށް އިހްސާސްކުރެވޭނީ ފްލައިޓެއްގައި އިނދެވޭނެހެނެވެ. އަދި ކަސްޓަމަރުންނަށް އިކޮނޮމީ ކްލާސްއާއި ފަސްޓްކްލާސް ސީޓްތައް ނެގުމުގެ ފުރުޞަތުވެސް އޮވެއެވެ.

މިރެސްޓޯރަންޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މި ރެސްޓޯރަންޓަށް ޒިޔާރަތްކުރާކަމަށް ތައި އެއަރވޭސްއިން ބުނެއެވެ.

ރެސްޓޯރަންޓުން ޚިދުމަތް ހޯދި ބައެއް ފަރާތްތަކުން ބުނީ، ފްލައިޓްތަކުގައި ލިބޭ ކެއުން ވަގުތުން ކައްކާލައިގެން ކާން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

ތައި އެއަރވޭސްއިން ބުނީ މި ރެސްޓޯރަންޓުގެ ސަބަބުން އެއަރލައިންނަށް ލިބޭ ގެއްލުން ކޮންމެވެސް ވަރަކަށް ފޫބެއްދޭނެކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ތައި އެއަރވޭސްގެ އިތުރު އޮފީސްތައް މިފަދަ ރެސްޓޯރަންޓްތަކަށް ބަދަލުކުރުމަށް ވިސްނަމުންދާކަމަށްވެސް ތައި އެއަރވޭސްއިން ބުނެއެވެ.