ދުނިޔޭގެ ވިޔަފާރި

އައިޑީބީގެ ރައީސްގެ މަޤާމަށް ފުރަތަމަ ފަހަރަށް އެމެރިކާ ރައްޔިތެއް


އިންޓަރ އެމެރިކަން ޑިވެލޮޕްމަންޓް ބެންކު، އައިޑީބީގެ ރައީސްގެ މަޤާމަށް ފުރަތަމަ ފަހަރަށް އެމެރިކާ ރައްޔިތަކު އިންތިޚާބުވެއްޖެއެވެ.

ލެޓިން އެމެރިކާއާއި ކެރީބިއަން ސަރަޙައްދުގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ޤާއިމްކޮށްފައިވާ އިންޓަރ އެމެރިކަން ޑިވެލޮޕްމަންޓް ބެންކު، އައިޑީބީގެ ރައީސްގެ މަޤާމަށް މިފަހަރު އިންތިޚާބުވެވަޑައިގެންފައިވަނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މުޝީރެއްކަމަށްވާ މޮރީސިއޯ ކްލެވަރ ކެރޯންއެވެ. އައިޑީބީގެ ރައީސްގެ މަޤާމަށް އެމެރިކާގެ ރައްޔިތެއްކަމަށްވާ މޮރީސިއޯ އިންތިޚާބުވެވަޑައިގެންފައިވާއިރު، އޭނާއަކީ އައިޑީބީގެ 60 އަހަރުގެ ތާރީހުގައި އެބެންކުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ލެޓިން އެމެރިކާއަށް ނިސްބަތްވެވަޑައިނުގަންނަވާ ހަމައެކަނި ބޭފުޅާއެވެ.

އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން އައިޑީބީގެ ރައީސްގެ މަޤާމާ މޮރީސިއޯ ހަވާލުވެވަޑައިގަންވާއިރު، އޭނާ މިހާތަނަށް ހުންނެވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ލެޓިން އެމެރިކާއާބެހޭ ސީނިއާ އެޑްވައިޒަރގެ މަޤާމުގައެވެ. އަދި އޭނާއަކީ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެސްޓަރން ހެމިސްފިއަރ އެފެއާޒްގެ ސީނިއަރ ޑައިރެކްޓަރުވެސްމެއެވެ. އެމަޤާމުތަކުގައި ހުންނަވައިގެން ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކާ ދެކޮޅަށް މަސައްކަތްކުރެއްވިކަމަށް ބުނެ، އައިޑީބީގައި ހިމެނޭ ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގެ ފާޑުކިޔުން ވަނީ އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އައިޑީބީގެ ރައީސްގެ މަޤާމަށް މޮރީސިއޯ އިންތިޚާބުވެވަޑައިގަތީ އެބެންކުގެ 48 މެމްބަރު ޤައުމުގެ ތެރެއިން، 30 ޤައުމުގެ ތާޢީދާއެކުއެވެ. އޭނާއާ ވާދަކުރުމަށް އާޖެންޓީނާއާއި ކޮސްޓަރިކާއިންވެސް ކެނޑިޑޭޓުން ނެރުނެވެ. ނަމަވެސް އެކަށީގެންވާ ތާޢީދެއް ނެތުމުން ކެނޑިޑޭޓުންގެ ނަންތައް ވަނީ އަނބުރާ ގެންގޮސްފައެވެ.

އައިޑީބީގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން މޮރީސިއޯ ވިދާޅުވީ، އައިޑީބީ އިތުރަށް ހަރުދަނާކޮށް، ސަރަޙައްދީ ތަރައްޤީއަށާއި ކުރިއެރުމެއް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.

1959 ވަނަ ޤާއިމްކުރި އިންޓަރ އެމެރިކަން ޑިވެލޮޕްމަންޓް ބެންކަކީ ލެޓިން އެމެރިކާއާއި ކެރީބިއަން ސަރަޙައްދުގެ ތަރައްޤީއަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދޭ ބެންކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެސަރަޙައްދުގެ ޤައުމުތަކުގެ އިންފްރާސްޓްރަކްޗަރއާއި ސިއްހީ ނިޒާމާއި ތައުލީމީ ދާއިރާގެ ތަރައްޤީއަށް އެބެންކުން އަހަރަކު 12 ބިލިއަނެއްހާ ޑޮލަރުގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދެއެވެ.