ދުނިޔޭގެ ވިޔަފާރި

ފިލިޕީންސްއިން 3.4 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ފާސްކޮށްފި


އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ފިލިޕީންސްއިން 3.4 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ފާސްކޮށްފިއެވެ.

އިމަރޖެންސީ ރިލީފްގެ ގޮތުގައި ފިލިޕީންސްއިން ފާސްކުރި 3.4 ބިލިއަން ޑޮލަރު ނުވަތަ 165.5 ބިލިއަން ފިލިޕީންސް ޕެސޯގެ މައިގަނޑު ބޭނުމަކީ ސިއްހީ ދާއިރާއާއި ވިޔަފާރިތަކަށް ކޯވިޑްގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމަށް އެހީވުންކަމަށް ޚަބަރުތައް ބުނެއެވެ.

ފިލިޕީންސްއަކީ އޭޝިޔާގައި އެންމެ ބާރަށް ކުރިއަރަމުންދިޔަ އިޤްތިޞާދަށްވިނަމަވެސް، ކޯވިޑްގެ ސަބަބުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގެ އިޤްތިޞާދަށްވަނީ ވޭތުވެދިޔަ 29 އަހަރު ތެރޭގައި ނާންފަދަ އިޤްތިޞާދީ ހީނަރުކަމެއް އައިސްފައެވެ.

އިޤްތިޞާދީ އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފިލިޕީންސްއިން ފަށާފައިވާއިރު، އަލަށް ފާސްކުރި މިބަޖެޓްގެ ތެރެއިން ކުދި ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 800 މިލިއަނެއްހާ ޑޮލަރު ދައުލަތުގެ ބެންކުތައް ފޯރުކޮށްދޭނެއެވެ. އަދި ސިއްހީ ދާއިރާއަށް 500 މިލިއަނެއްހާ ޑޮލަރު ހޭދަކުރުމަށް ހަމަޖެހިފައިވާއިރު، އެފައިސާގެ ތެރެއިން ނަރުހުންނާއި ޑޮކްޓަރުން ހޯދުމާއި، މެޑިކަލް ފެސިލިޓީތައް ޤާއިމްކުރުމުގެ މަސައްކަތްކުރާނެއެވެ. އަދި ކޯވިޑްގެ ވެކްސިން ގަތުމަށް ރަޝިޔާ، ޗައިނާ، އޮސްޓްރޭލިއާ އަދި އެމެރިކާއާއެކު ފިލިޕީންސްއިން މަޝްވަރާކުރަމުންދާއިރު، އެކަމަށް 200 މިލިއަން ޑޮލަރު ރައްކާކުރާނެކަމަށްވެސް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޯވިޑްގެ ސަބަބުން ވިޔަފާރިތައް ބަންދުކޮށްފައި އޮތުމަށްފަހު ވިޔަފާރީގެ ހަރަކާތްތައް ފިލިޕީންސްގައި މަޑުމަޑުން ފަށައިގެން ކުރިއަށްދިޔަނަމަވެސް، އަދިވެސް އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް އެއްކޮށް ލުއި ދީފައެއް ނުވެއެވެ. އެގޮތުން ސްކޫލްތައް ބަންދުކޮށްފައިވާއިރު، ފިހާރަތަކާއި ރެސްޓޯރަންޓްތަކުން ޚިދުމަތްދޭ މީހުންގެ އަދަދު ވަނީ ކޮންޓްރޯލްކޮށްފައެވެ.