ޚަބަރު

އިނގިރޭސިވިލާތުގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފެށުމުގެ ހުއްދަ ދީފި


ކޯވިޑް-19އާ ދެކޮޅަށް އިނގިރޭސިވިލާތުގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލައި ޤައުމުގެ އިޤްތިޞާދީ ހަރަކާތްތައް އަލުން ފެށުމަށް އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އަންގަވައިފިއެވެ. އިނގިރޭސިވިލާތުގައި މިހާތަނަށް 313،798 މީހުންނަށް ކޯވިޑް-19ޖެހި 41،347 މީހުންވަނީ މަރުވެފައެވެ.

މިދިޔަ މަހުގައި އިނގިރޭސިވިލާތުގެ މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ މަރުޒަކުތައް ހުޅުވުމުގެ ޙުއްދަދޭ ވަގުތު ޖެހުމަށް ގަޑިއިރުކޮޅަކަށް ވެފައިވަނިކޮށް ބޮޑުވަޒީރު ޖޮންސަންވަނީ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަމަށާއި އިންޒާރުގެ ބޮކި ދިއްލެމުންދާކަމަށް ވިދާޅުވެ އެ ތަންތަން ހުޅުވުން ފަސްކުރައްވަން ނިންމަވާފައެވެ. ނަމަވެސް ބަލިފެތުރޭ މިންވަރު މިހާރު ދަށަށް ގޮސްފައިވާކަމަށް ވިދާޅުވެ ކުރިން ރާވާފައިވާ ގޮތަށް މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ މަރުކަޒުތައް ހުޅުވުމުގެ ޙުއްދަ ދެއްވާފައިވާކަމަށް އޮގަސްޓު މަހުގެ 14ވަނަ ދުވަހު ބޮޑުވަޒީރު ޖޮންސަންވަނީ އިޢުލާނުކުރައްވާފައެވެ.
އެގޮތުން ގިނަ ވިޔަފާރިތައް ހުޅުވުމާއި ކުޅިވަރު ޙަރަކާތްތައް ބޭއްވުމުގެ ޙުއްދަވަނީ ދީފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ތިއޭޓަރުތަކާއި މިއުޒިކު ޝޯތައް ބޭއްވުމުގެ ޙުއްދަވެސްވަނީ ދީފައެވެ. ބޮޑުވަޒީރު ޖޮންސަން ވިދާޅުވީ ލުއިތަކާއެކު

މަސައްކަތުގެ މާޙައުލަށް އެންބުރި ދިއުމަށާއި ޢާންމުންގެ މުނިފޫހިފިލުވުމާއި ހިތްހަމަޖެހުމަށް ބައިވެރިވަމުންދިޔަ ޙަރަކާތްތައް އަލުން ފެށުމުގެ ފުރުޞަތު ތަނަވަސްވެއްޖެކަމަށެވެ. ނަމަވެސް އުވާލާފައި ނުވާ ޤަވާއިދުތަކަށް ޢަމަލުނުކުރާ މީހުންނަށް ދެވޭ ޢަދަބު އިތުރަށް ހަރުކަށިކުރުމަށް ނިންމަވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މާސްކު އެޅުމަށް ތަކުރާރުކޮށް ދެކޮޅުހަދާ މީހުން ޖޫރިމަނާކުރާ ޢަދަދުވަނީ 4،175 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ. ޤާވާޢިދުތަކަށް ބޯނުލަންބާނަމަ ފުރަބަންދުގެ އުސޫލުތައް އަލުން ރުޖޫޢަކުރަން ޖެހިދާނެކަމުގެ އިންޒާރުވެސް އޭނާވަނީ ދެއްވާފައެވެ.