ސިޔާސީ

ކުއްލި ނުރައްކަލުގެ ޙާލަތުގައި ލުބުނާނުގެ އަސްކަރިއްޔާއަށް ބޮޑެތި ބާރުތަކެއް


އަސްކަރިއްޔާއަށް ބޮޑެތި ބާރުތައް ލިބޭގޮތަށް ލުބުނާނުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި 170އަށްވުރެ ގިނަ މީހުން މަރުވެ 6000 މީހުންވަނީ ޒަޚަމްވެފައެވެ. އެ ގޮވުންތަކުގެ ސަބަބުން މާއްދީ ބޮޑެތި ގެއްލުންތައް ލިބި ބައިރޫތުވަނީ ސުންނާފަތިވެފައެވެ. އެ ހާދިޘާ ހިންގުމުން ލުބުނާނުގެ ވަޒީރުންގެ މަޖިލީހުންވަނީ ދެ ހަފުތާގެ މުއްދަތަށް ކުއްލި ނުރައްކާގެ ޙާލަތު އިޢުލާނުކޮށްފައެވެ. އޮގަސްޓު މަހުގެ 13ވަނަ ދުވަހު ލުބުނާނުގެ ޤާނޫނުހަދާ މަޖިލީހުންވަނީ އެ ނިންމުމަށް ރުހުން ދީފައެވެ.

ކުއްލި ޙާލަތުގެ ދަށުން ޢާންމުންނަށް ލިބިފައިވާ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމަށާއި ނޫސްވެރިންނަށް ލިބިދޭ މިނިވަންކަމަށް އަސްކަރިއްޔާއަށް ބާރު ފޯރުވޭނެއެވެ. ގޭގެއަށް ވަނުމާއި ސަލާމަތަށްހުރި ނުރައްކަލެއްގެ ގޮތުގައި ބެލެވޭ މީހުން ހައްޔަރުކުރުމުގެ ބާރުވެސް އަސްކަރިއްޔާއަށް ލިބިދެއެވެ. އޭގެ އިތުރުން ޤާނޫނީ މައްސަލަތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ޤައުމުގެ އަސްކަރީ ކޯޓުތަކުގައެވެ. ހިއުމަން ރައިޓްސް ވޮޗްފަދަ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުންވަނީ އެފަދަ ކޯޓުތަކުގައި ޢަމަލުކުރަނީ ހަމަޖެހިފައިވާ އުސޫލުގެ މަތިން ނޫންކަމަށް ފާހަގަކޮށްފައެވެ.

ލުބުނާނުގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާމެދު އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. ބައިރޫތުގައި ހިންގި ހިތާމަވެރި ހާދިޘާގެ ޒިންމާ ޤައުމުގެ ވެރިން ނަގަންޖެހޭކަމަށް ބުނެ ހިތްހަމަނުޖެހި ރުޅިގަދަވެފައިވާ ރައްޔިތުންނާމެދު ފިޔަވަޅު އެޅުމުގެ ބާރު އަސްކަރިއްޔާއަށް ލިބިގެންދާނެއެވެ.