ޚަބަރު

ބެލަރުސްގެ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުން ދޫކުރަން ފަށައިފި


ބެލަރުސްގައި ކުރަމުންދާ މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ މީހުން ދޫކުރަން ފަށައިފިއެވެ.

ބެލަރުސްގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ ރައީސް އެލެކްސެންޑްރަ ލުކަޝެންކާ ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވުމުން އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. 1994ވަނަ އަހަރުން ފެށިގެން ބެލަރުސްގެ ވެރިކަންކުރައްވާ ލުކަޝެންކާއަށް އިންތިޚާބު ކާމިޔާބުވާގޮތަށް ވޯޓުގެ ނަތީޖާ ބަދަލުކުރިކަމުގެ ތުހުމަތު އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ކުރެއެވެ. މުޒާހަރާތަކުގައި 6،700އަށްވުރެ ގިނަ މީހުންވަނީ ހައްޔަރުކޮށް، ހަމަނުޖެހުންތަކުގައި ދެ މީހުން މަރުވެފައިވެއެވެ.

މުޒާހަރާގައި ހައްޔަރުކުރި މީހުން ޖަލުން ދޫކޮށްލުމުން ހައްޔަރުގައި ތިބިއިރު އެމީހުންނަށް އަނިޔާކޮށްފައިވާ ކަމުގެ ޝަކުވާ ބައެއް މީހުންވަނީ ކޮށްފައެވެ. އަދި ކުދި ގޮޅިތަކުގައި އެއްފަހަރާ ގިނަ ޢަދަދެއްގެ މީހުން ބަންދުކުރިކަމުގެ ޝަކުވާވެސްވަނީ ކޮށްފައެވެ. ބައެއް މީހުންގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ.

ހައްޔަރުކޮށްފައިތިބި މީހުން ދޫކޮށްލަމުން އެ ޤައުމުގެ ދާޚިލީ ވަޒީރު ޔޫރީ ކަރަވެވް ވިދާޅުވީ މުޒާހަރާތަކުގައި އަނިޔާ ލިބުނު މީހުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާކަމަށާއި އެކަމުގެ ޒިންމާ ނަންގަވާކަމަށެވެ. އޭގެ އިތުރުން ޤައުމީ ކައުންސިލުގެ އިސްވެރިޔާ، ނަޓަލްޔާ ކޮޝަނޯވާވަނީ ޤައުމުގައި ހަމަނުޖެހުމާއި ތަޅާފޮޅުމާއި ހަނގުރާމަ ބޭނުންނުވާކަމަށާއި ބަންދުކޮށްފައިހުރި މީހުންގެ ބަންދު މުރާޖަޢާކުރުމަށް ލުކަޝެންކާ އަންގަވައިފައިވާކަމަށެވެ.

ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމާއި ސަރުކާރުގެ ފަރާތުން މަޢާފަށް އެދުމުން ޤައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކާމެދު ދަޢުލަތުގެ އިސް ފަރާތްތަކުން ކަންބޮޑުވާކަން އަންގައިދޭކަމަށާއި ޤައުމަށް ބާރު ފޯޜުވުމުގައި ލުކަޝެންކާ ބަލިކަށިވެފައިވާކަން އެނގިގެންދާކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.