ޚަބަރު

ބެލަރުސްގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޤައުމު ދޫކުރައްވައި ލިތުއޭނިޔާއަށް


ބެލަރުސްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓު ސިވިއަޓުލާނާ ޝިޚަނޫސްކަޔާ ޤައުމު ދޫކުރަށްވައި ލިތުއޭނިޔާއަށް ވަޑައިގަންނަވައިފިއެވެ.

ބެލަރުސްގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ ރައީސް އެލެކްސެންދަރު ލުކަޝެންކާ ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވުމުން އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. 1994ވަނަ އަހަރުން ފެށިގެން ބެލަރުސްގެ ވެރިކަންކުރައްވާ ލުކަޝެންކާއަށް އިންތިޚާބު ކާމިޔާބުވާގޮތަށް ވޯޓުގެ ނަތީޖާ ބަދަލުކުރިކަމުގެ ތުހުމަތު އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ކުރެއެވެ.

މީގެ ކުރިން އިނގިރޭސި ބަސް ކިޔަވާދެއްވާ މުދައްރިސެއްގެ ވަޒީފާ ޢަދާކުރެއްވި ސިވިއަޓުލާނާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ބެލަރުސްގެ ސަރުކާރުން އޭނާގެ ފިރިކަލުން ހައްޔަރުކޮށް ޖަލަށް ލުމުންނެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން ބައިބައިވެފައިވާ އިދިކޮޅު ފަރާތްތައް އެއްގަލަކަށް އެރުވުމުން ގިނަ ޢަދަދެއްގެ ރައްޔިތުންގެ ތާޢީދުވަނީ އޭނާއަށް ލިބިވަޑައިގެންފައެވެ. އެހެންކަމުން އިންތިޚާބުގައި ލުކަޝެންކާއަށް ވޯޓުގެ 80 އިންސައްތަ ލިބިވަޑައިގަންނަވާނެކަމަށް އެ ޤައުމުގެ ގިނަ ރައްޔިތުން ޤަބޫލެއް ނުކުރެވެއެވެ.

ވީޑިއޯ މެދުވެރިކޮށް ޢާންމުންނާ ވާހަކަދައްވަމުން ސިވިއަޓުލާނާ ވިދާޅުވީ ޤައުމު ދޫކޮށް ވަޑައިގަންނަވަން ނިންމަވާފައިވާކަމަށާއި އެގޮތަށް ނިންމެވީ އޭނާގެ އަމިއްލަ އިޚުތިޔާރުގައިކަމަށެވެ. އޭނާއަށް ތާޢީދުކުރާ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވަމުން ސިވިއަޓުލާނާ ވިދާޅުވީ އެ ނިންމެވުމަކީ އުނދަގޫ ނިންމެވުމެއްކަމަށެވެ. އޭނާގެ ނިންމެވުމާމެދު ގިނަ ބަޔަކު ހިތްހަމަނުޖެހި ރުޅިއަންނާނެކަން ޤަބޫލުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާ ނިންމަވަން ޖެހުނުފަދަ ނިންމެވުމެއް އެއްވެސް މީހަކު ނިންމަން ނުޖެހޭނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ސިވިއަޓުލާނާވަނީ ޤާނޫނަށް ތަބައުވުމަށް ރައްޔިތުންނަށް ގޮވާލައި ފުލުހުންނާ ކުރިމަތިނުލުމަށް ބާރުއަޅުއްވައިފައެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ބެލަރުސް ދޫކުރައްވައި ސިވިއަޓުލާނާ ވަޑައިގަންނަވަން ނިންމެވީ މަޖުބޫރުވެގެންނެވެ. އޭނާ ބެލަރުސް ދޫކުރައްވައި ވަޑައިގެންނެވިނަމަވެސް އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށެވެ. މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ ސަރުކާރުން ސިވިއަޓުލާނާ އެއްފަރާތްކުރުމުގައި ކާމިޔާބު ހޯދިނަމަވެސް މުޅި ޤައުމަށް ބިރުދައްކައި ޢާންމުންގެ އަނގަ ބަނދުކުރުމުގައި ކާމިޔާބު ނުވާނެކަމަށެވެ.

މުޒާހަރާތަކުގައި ޢާންމުންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި ފުރާނައާއި މުދަލަށް ދަނީ ގެއްލުންވަމުންނެވެ. ބެލަރުސްގެ ފުލުހުންވަނީ މުޒާހަރާކުރި 5،000 މީހުން ހައްޔަރުކޮށްފައެވެ.