ޚަބަރު

އަޑިއަށް ދިޔަ ލޯންޗުން ދަތުރުކުރި އެންމެންވެސް ސަލާމަތްވެއްޖެ


ކ.ކޮށްދިޕަރު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ލޯންޗުގައި ތިބި އެންމެން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ލޯންޗުން 7 މީހުން ދަތުރުކުރިކަމަށާއި މި އެންމެންގެވެސް ހާލު ރަނގަޅުކަމަށެވެ. އަދި ލޯންޗު އަޑިއަށް ދާން ފެށުމުން އެއްބަޔަކު ފިނޮޅަށް ފޭބިކަމަށާއި އަނެއް ބަޔަކު ލޯންޗު ކައުރީގައި މަޑުކުރީކަމަށެވެ. އަދި ލޯންޗް އަޑިއަށް ދިޔައީ ދިޔަވެ ކޮންޓްރޯލް ނުވެގެންކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.


ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސޫމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެ އިދާރާއިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށާއި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރާޅުގެ އުސްމިން: 4 ފުޓާއި 6 ފުޓާއި ދެމެދު ހުންނާނެކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.