ޚަބަރު

ނިއު ޒީލެންޑުގެ ބޮޑުވަޒީރުގެ އިންތިޚާބީ ވަޢުދުތައް ބިނާކުރެއްވީ ކޯވިޑް-19ގެ މައްޗަށް


އިތުރު ދަޢުރަކަށް ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވާ ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑަންގެ ކެންޕެއިނު ރަސްމީކޮށް ފައްޓަވައިފިއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން 40 އަހަރުގެ އާޑަންގެ މަޤުބޫލުކަންވަނީ ޢާންމުންގެ މެދުގައި ވަރަށް ބޮޑުވެފައެވެ. އެހެންކަމުން ސެޕްޓެންބަރު މަހުގެ 19ވަނަ ދުވަހު ބާއްވާ ޢާންމު އިންތިޚާބު އާޑަން ކާމިޔާބުކުރައްވާނެކަމަށް ބެލެވެއެވެ.

ބޮޑުވަޒީރު އާޑަންގެ އިންތިޚާބީ ވަޢުދުތައް އަމާޒުކޮށްފައިވަނީ ކޯވިޑް-19 ފެތުރުމުގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށެވެ. އެގޮތުން ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އޭނާވަނީ ވަޢުދުވެވަޑައިގެންފައެވެ.

ކެމްޕެއިނު ފައްޓަވަމުން ދެއްވި ހިޠާބުގައި އާޑަން ވިދާޅުވީ މި އަހަރުގެ އިންތިޚާބަކީ ކޯވިޑް-19ގެ މައްޗަށް ބިނާވެފައިވާ އިންތިޚާބެއްކަމަށެވެ. އޭނާ ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރައްވައި ވަޒީފާ ގެއްލިފައިވާ 40،000 މީހުންނަށް ވަޒީފާ ހަމަޖައްސަވާދެއްވާނެކަމަށެވެ. އަދި އިތުރު މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސަވާދެއްވައި ވިޔަފާރިތަކަށް ސަބްސިޑީ ދެއްވުމަށް 205 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

2017ވަނަ އަހަރު ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާޅުވެވަޑައިގަތް އާޑަންއަށް ކުރިމަތިވެވަޑައިގަތް މައްސަލަތަކާއި އެ ޙާލަތްތަކުގައި އޭނާ ކުރައްވާފައިވާ މަސައްކަތްތަކަށް އޭނާވަނީ ހިޠާބުގައި އަލިއަޅުވާލައްވައިފައެވެ. އެގޮތުން 2019ވަނަ އަހަރު ކްރައިސްޓުޗާޗުގެ މިސްކިތްތަކަށް ދިން ބަޑީގެ ނުރައްކާތެރި ޙަމަލާތަކާއި ވައިޓު އައިލެންޑުގެ އަލިފާން ފަރުބަދަ ގޮވި ހާދިޘާގެ މައްޗަށް އޭނާ އަލިއަޅުއްވައިލެއްވިއެވެ.

ބޮޑުވަޒީރު އާޑަނަކީ ނިއު ޒީލެންޑުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތް އެމުރުން އެންމެ ހަގު ބޭފުޅާއެވެ. އަދި އޭނާއަކީ އެ ޤައުމުގެ ބޮޑުވަޒީރުކަން ކުރައްވާ ތިންވަނަ އަންހެން ބޭފުޅާއެވެ.