ޚަބަރު

ޕީޕީއީގައި ރޯވެ ކޯވިޑަށް ފަރުވާދެމުންދިޔަ 9 މީހުން މަރުވެއްޖެ


އިންޑިއާގައި ކޯވިޑްގެ ބަލީގެ މީހުންނަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލެއްގައި ރޯވެ 9 މީހަކު މަރުވެއްޖެއެވެ. އަހްމަދުއާބާދުގައި ހުންނަ މި ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާ ހިންގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

މި ހޮސްޕިޓަލުގައި ކޯވިޑް ބަލީގެ 48 މީހުންނަށް ފަރުވާދެމުންދިޔަ ކަމަށް ހަބަރުތައް ބުނެއެވެ. މި ހާދިސާގައި މަރުވެފައިވަނީ މި ބަލީގެ ހާލު ބޮޑުވެ އައިސީޔޫގައި ފަރުވާދެމުން އައި 8 މީހަކެވެ. ބާކީ ތިބި އެންމެން ސަލާމަތްކޮށް އެމީހުން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އަހްމަދުއާބާދުގައި ހުންނަ އަމިއްލަ ހޮސްޕިޓަލެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި މަރުވެފައިވަނީ 5 ފިރިހެނުންނާއި 3 އަންހެނެކެވެ.

ހަބަރުތައް ބުނާ ގޮތުން މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކު ލައިގެން ހުރި ޕީޕީއީގައި އަލިފާން ހިފުމުން އެ ނިންވާލަން ވެގެން އޭނާ ދުއްވައިގަތުމުން އަލިފާންގަޑު ފެތުރި ހޮސްޕިޓަލުގައި ހުރި ތަކެތީގައި ރޯވެގެންކަމަށެވެ.

މި ހާދިސާގައި މަރުވި ކޮންމެ މީހެއް އާއިލާއަށް އިންޝުއަރެންސްގެ ގޮތުގައި ދެ ލައްކަ އަދި ޒަހަމްވި ކޮންމެ މީހެއްގެ އައިލާއަށް 50 ހާސް އިންޑިއާ ރުޕީސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޯވިޑް ބަލި އިންޑިއާގައި އަންނަނީ ހަލިވިކަމާއި އެކު ފެތުރެމުންނެވެ. ޢެ ޤައުމުގައި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ ދެ މިލިއަނާއި ގާތްކޮށްފައެވެ. އެ ޤައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ރިޕޯޓްކުރާ މިންވަރަށް ބަލާއިރު މި އަދަދު މިއަދު ދެ މިލިއަނަށް އަރާނެކަމަށް ބެލެވެއެވެ. މި ބަލީގައި މިހާތަނަށް އެ ޤައުމުން މަރުވި މީހުންގެ އަދަދު 40 ހާހަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.