ވިޔަފާރި

މިފްކޯގެ ތަރައްޤީއަށް 231 މިލިއަން ރުފިޔާގެ މަޝްރޫޢެއް


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް ލިމިޓެޑް، މިފްކޯގެ ތަރައްޤީއަށް 231 މިލިއަން ރުފިޔާގެ މަޝްރޫޢެއް ހިންގުމަށް ނިންމައިފިއެވެ.

މިފްކޯގެ ތަރައްޤީއަށް ހިންގާ މިމަޝްރޫޢަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢެެކެވެ.

އިންޑިއާއިން ފޯރުކޮށްދިން ލައިން އޮފް ކްރެޑިޓްގެ ދަށުން 15 މިލިއަން ޑޮލަރު ނުވަތަ 231 މިލިއަން ރުފިޔާ މިފްކޯގެ ތަރައްޤީއަށް ޚަރަދުކުރާނެއެވެ. މިމަޝްރޫޢުގެ ދަށުން މިފްކޯގެ މަސައްކަތްތަކަށް ބޭނުންވާ އެކި ފެސިލިޓީސްތައް ތަރައްޤީކުރާނެއެވެ.

މިމަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް 'ޓޫނާ ކުކްޑް ލޮއިންސް' ޕްލާންޓަކާއި 'ފިޝްމީލް' ޕްލާންޓެއް ގާއިމްކުރާނެއެވެ. އަދި ގދ. ގެމަނަފުށީގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް، 100 މެޓްރިކް ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމްކުރާނެއެވެ.

މިމަޝްރޫޢުގެ ކޮންސަލްޓަންޓުން ދިވެހި ސަރުކާރުން ކަނޑައަޅާއިރު، މަޝްރޫއުތަކުގެ މަސައްކަތުގެ ޓެންޑަރުތައް ހަވާލުކުރަނީވެސް ދިވެހި ސަރުކާރުންނެވެ.

މި މަޝްރޫޢުގެ އިތުރުން އައްޑޫ ސިޓީއާއި ކާށިދޫ އަދި ގާފަރުގައިވެސް އިންޑިއާގެ އެހީގެ ދަށުން ދަނީ މަސްވެރިކަމާ ގުޅޭ ފެސިލިޓީސްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފޯރުކޮށްދީފައި ވަނީ ދިވެހިރާއްޖެއަށް އެންމެ ފައިދާކުރުވާނޭހެން، 20 އަހަރު ދުވަހުން އަނބުރާ ދައްކާގޮތަށް 5 އަހަރުގެ މޮރިޓޯރިއަމްއަކާއެކެއެވެ. ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގޭނޭ މަޝްރޫއުތަކަކީ ދިވެހި ސަރުކާރުން ކަނޑައަޅާ، އިންޑިއާ ސަރުކާރުން ޤަބޫލުކުރާ މަޝްރޫޢުތަކަށް ވާންޖެހެއެވެ.