ޚަބަރު

ބޮޑެތި ކުށްތައް ހިންގާ އެމެރިކާގެ ސިޓީތަކަށް ޚާއްޞަ ފައުޖުތައް ފޮނުވަނީ


ބޮޑެތި ކުށްތައް ހިންގާ އެމެރިކާގެ ސިޓީތަކަށް ޤާނޫނު ތަންފީޒުކުރާ ޚާއްޞަ ފައުޖުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕް ނިންމަވައިފިއެވެ.

އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓު ހައުސުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓުރަންޕުވަނީ އިދިކޮޅު ޑިމޮކްރެޓިކު ޕާޓީއަށް ތާޢީދު ބޮޑު ސިޓީތަކުގައި ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް އެ ސިޓީތަކަށް ޚާއްޞަ ފައުޖުތައް ފޮނުއްވަން ނިންމަވައިފައެވެ. އެގޮތުން ޗިކާގޯއާއި އެލްބުކާކީގައި ޤާނޫނު ތަންފީޒުކުރުމަށް އެ ފައުޖުތައް ފޮނުއްވަން ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައި ޓުރަންޕް ނިންމެވި ނިންމެވުމުގެ ދަށުން ސިޓީތަކުގެ ފުލުހުންނަށް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެ ފައުޖުތައް އެހީތެރިވެދޭނެއެވެ. ޓުރަންޕް އިޢުލާންކުރައްވާފައިވާ އޮޕަރޭޝަން ލެޖެންޑުގެ ދަށުން ޙަރަކާތްތެރިވާ ފައުޖުގައި ހިމެނެނީ ތަހުޤީޤީ އިދާރާތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކެވެ. އޭގެ ތެރޭގައި އެފްބީއައި އަދި ޔޫއެސް މާޝަލްސް ސާވިސްފަދަ އިދާރާތައް ހިމެނެއެވެ.

ޓުރަންޕުގެ ނިންމެވުމަށް ޗިކާގޯއާއި ނިއު މެކްސިކޯއިންވަނީ މަރުޙަބާ ކިޔާފައެވެ. ދެ ސިޓީންވެސް ބުނީ ޢާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ފައުޖުގެ އެހީތެރިކަމަށް މަރުޙަބާ ކިޔާކަމަށެވެ. ނަމަވެސް ހަމަނުޖެހުންތައް ހުއްޓުވުމަށް ޚާއްޞަ ފައުޖުތަކުން އޮރެގަން ސްޓޭޓުގެ ޕޯޓުލެންޑުގައި އެޅިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުން ޤަބޫލުނުކުރާނެކަމަށާއި އެފަދަ ޙާލަތެއްގައި ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ޗިކާގޯއާއި ނިއު މެކްސިކޯއިންވަނީ ބުނެފައެވެ.