ޚަބަރު

އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުން ބާއްވާނީ ވީޑިއޯ މެދުވެރިކޮށް


އަންނަ ސެޕްޓެންބަރު މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުންތައް ބާއްވާނީ ވީޑިއޯ މެދުވެރިކޮށްކަމަށް ނިންމައިފިއެވެ. މިއީ ފާއިތުވި 75 އަހަރުގެ ތެރޭގައި ވީޑިއޯ މެދުވެރިކޮށް އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުންތައް ބާއްވާ ފުރަތަމަ ފަހަރެވެ.

އަހަރަކު އެއްފަހަރު ބާއްވާ އދގެ ޢާންމު މަޖިލިހުގެ ޖަލްސާ ބާއްވަނީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރަށް ގިނަ ހުރަސްތަކެއް ކުރިމަތިވުމުން އދގެ ސެކެޓްރީ ޖެނެރަލް އެންތޮނިއޯ ގުތޭޚެޝްވަނީ ޖަލްސާކުރާ މާލަމުގައި ބައްދަލުވުންތައް ބޭއްވުމުގެ ބަދަލުގައި ޖަލްސާގައި ބައިވެރިވާ ޤައުމުތަކުގެ އިސްވެރިން ވީޑިޔޯ މެދުވެރިކޮށް ތަޤުރީރު ދެއްވުމުގެ ޚިޔާލު ހުށަހަޅުއްވައިފައެވެ. އެ ޙިޔާލަށް 193 މެންބަރުންގެ މައްޗަށް އެކުލެވޭ ޢާންމު މަޖިލީހުންވަނީ ތާޢީދުކޮށްފައެވެ.

އެ ނިންމުމުގައިވާގޮތުން މެންބަރު ޤައުމުތަކުންނާއި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާ ޤައުމުތަކުންނާއި ވިލާތުގެ އިއްތިޙާދުން އެ ޤައުމެއްގެ އެންމެ އިސްވެރިޔާ، ނައިބު ރައީސް، އަމީރު ނުވަތަ އަމީރާ، ސަރުކާރުގެ އެންމެ އިސްވެރިޔާ، ވަޒީރެއް ނުވަތަ ނައިބު ވަޒީރެއްގެ ވީޑިއޯ މެސެޖެއް ރެކޯޑުކުރުމަށްފަހު ޙިއްޞާކުރަންވާނެއެވެ. އެ ވީޑިއޯތައް ޢާންމު ބައްދަލުވުން ބާއްވާ ޖަލްސާކުރާ މާލަމުގައި ދައްކާނެއެވެ.

ކޮންމެ އަހަރަކުވެސް އދގެ ޢާންމު މަޖިލީހުގެ ހަވާސާގައި މެންބަރު ޤައުމުތަކުގެ މެދުގައި ގިނަ ޢަދަދެއްގެ ބައްދަލުވުންތައް ބާއްވައެވެ. މިއަހަރުގެ ޢާންމު މަޖިލީހުގެ ރައީސްކަން ކުރައްވާ ނައިޖީރިއާގެ ތިޖާނީ މުޙައްމަދު ބާންޑޭވަނީ މި އަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްގެންދާ ބައްދަލުވުންތައްވެސް ވީޑިއޯ މެދުވެރިކޮށް ބޭއްވުމަށް މެންބަރު ޤައުމުތަކަށް ގޮވާލައްވައިފައެވެ. އެގޮތަށް ނިންމީ ކޯވިޑް-19ން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ދަށުން އދގެ މައި މަރުކަޒަށް ވަދެނުކުންނަ މީހުންގެ ޢަދަދު މަދުކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއަށް ދަތުރުނުކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް މަގުފަހިވުމުން އުތުރު ކޮރެޔާފަދަ އެމެރިކާއަށް ދަތުރުކުރުމަށް ޖެހިލުންވާ ޤައުމުތަކުން މި އަހަރުގެ އދގެ ޢާންމު މަޖިލީހުގައި ބައިވެރިވުމުގެ ފުރުޞަތު ބޮޑެވެ. 2018ވަނަ އަހަރުން ފެށިގެން ތިން ފަހަރެއްގެ މަތިން އެ ޤައުމުގެ ޒަޢީމު ކިމް ޖޮންގް އުންވަނީ އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕާ ބައްދަލުކުރައްވާފައެވެ. ނަމަވެސް ޒަޢީމުގެ ގޮތުގައި ހުންނަވާ މީގެ ކުރިން ދުވަހަކުވެސް އެމެރިކާއަށް ދަތުރުކުރައްވާފައެއް ނުވެއެވެ. އަދި އދގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންފައެއްވެސް ނުވެއެވެ. އޭގެ ބަދަލުގައި 2016ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ދެމެދު އުތުރު ކޮރެއާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ އެ ޤައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ރީ ޔޮން ހޯއެވެ.