ޚަބަރު

އިތުރު ފަރުވާއަށް ކުވައިތުގެ އަމީރު އެމެރިކާއަށް


އިތުރު ފަރުވާ ހޯއްދެވުމަށް ކުވައިތުގެ އަމީރު ޝެއިޚު ޞަބާޙު އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙުގެ އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

ޞިއްޙީ ތަހުލީލުތަކެއް ކުރުމަށް އުމުރުފުޅުން 91 އަހަރުގެ އަމީރު ހަސްފަތާލުގައި އެނދުމަތިކޮށްފައިވާކަން ކުވައިތުގެ ސަރުކާރުން ބުނެފައިވަނީ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވާކަމަށް އެ ޤައުމުގެ ޝާޙީ އިދާރާއިންވަނީ ބުނެފައެވެ. ނަމަވެސް އެ އޮޕަރޭޝަންގެ ތަފުޞީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. އޭގެ ފަހުން އެ ޤައުމުގެ ދަޢުލަތުގެ ނޫހުންވަނީ އިތުރު ފަރުވާ ހޯއްދެވުމަށް އެމެރިކާއަށް ޢަމީރު ދަތުރުކުރައްވާފައިވާކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް ޝައިޚު ޞަބާޙުވަނީ ޞިއްޙީ އެކި މައްސަލަތަކަށް ފަރުވާ ހޯއްދަވާފައެވެ. 2006ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުވައިތުގެ ވެރިކަމާ ޙަވާލުވެވައިގެންނެވި އަމީރު ޝެއިޚް ޞަބާޙުގެ ހިތުގެ ހިނގުން ރަނގަޅުކުރުމަށް 2000ވަނަ އަހަރުން ފެށިގެން ޕޭސްމޭކަރެއް ބޭނުންކުރައްވައެވެ. އަދި 2007ވަނަ އަހަރު އެމެރިކާގައި ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަނެއްވެސް އޭނާވަނީ ކުރައްވާފައެވެ. އޭގެ ފަހުން ޞިއްޙީ މައްސަލައެއް ދިމާވުމުން 2019ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އޭނާވަނީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ.

ޝައިޚު ޞަބާޙު ހަސްފަތާލުގައި އޮންނަވާ މުއްދަތުގައި ބައެއް ދުސްތޫރީ ޒިންމާތައް ޢަދާކުރެއްވުމަށް ޝާހީ އަމުރެއްގެ ދަށުން ވަލީއަޙުދު ޝައިޚު ނަވާފު އަލްއަޙުމަދު އަލްޖާބިރު އަލްޞަބާޙަށްވަނީ ޙަވާލުކުރައްވައިފައެވެ.