ޚަބަރު

ޠާލިބާނުންނަށް ޙަމަލާދިން އަފްޣާނިސްތާނުގެ އަންހެން ކުއްޖާއަށް ތަޢުރީފުކުރަނީ


ޢާއިލާގެ ދިފާޢުގައި ޠާލިބާނު ޖަމާޢަތާ ކުރިމަތިލި އަފްޣާނިސްތާނުގެ ފުރާވަރުގެ އަންހެން ކުއްޖަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަފްޣާނިސްތާނުގެ ޖޯރު ޕްރޮވިންސުގައި ހިނގި ޙާދިޘާގައި އަންހެން ކުއްޖާ ޠާލިބާނުންނަށް ޙަމަލާދީފައިވަނީ އޭކޭ-47 މަރުކާގެ ބަޑިއެއް ބޭނުންކޮށްގެންނެވެ. އޭނާ ދިން ޙަމަލާގައި ހަނގުރާމަވެރިންގެ ދެ މީހުން މަރުވެ، އިތުރު ބައެއް ޒަޚަމުވެފައިވެއެވެ. އެ ޙާދިޘާ ހިނގީ އެ ކުއްޖާގެ ބައްޕައަކީ އަފްޣާނިސްތާނުގެ ސަރުކާރަށް ތާޢީދުކުރާ މީހެއްކަމަށް ބުނެ، އެ ގެއަށް ހަނގުރާމަވެރިން ގޮސް ދުއްތުރާކުރުމުންނެވެ. އެ ޙަމަލާގެ ފަހުން އިތުރު ހަނގުރާމަވެރިން އެ ކުއްޖާގެ ގެއަށް ޙާމަލާ ދިނުމަށް ދިޔައެވެ. ނަމަވެސް އެމީހުންނަށް ޙަމަލާދީ ފަހަތަށް ޖެއްސީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ސަރުކާރަށް ވަފާތެރި ހަނގުރާމަވެރިންނެވެ.

އުމުރުން 14-16 އަހަރުގެ އަންހެން ކުއްޖެއް ބަޑިއެއް ހިފައިގެން ހުންނަ ފޮޓޯގަނޑެއްވަނީ މީސްމީޑިޔާގައި ދަޢުރުވެ ގިނަ ޢަދަދެއްގެ މީހުންގެ ސަމާލުކަން ހޯދާފައެވެ. އަދި އެ ކުއްޖާ ދެއްކި ހިތްވަރަށް ގިނަ ބަޔަކުވަނީ ތަޢުރީފުކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޠާލިބާނުންވަނީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް އެމެރިކާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް އެ ޖަމާޢަތަށް ނިސްބަތްވާ ބައެއް ހަނގުރާމަވެރިން ދަނީ އަފްޣާނިސްތާނުގައި ނުރައްކާތެރި ޙަމަލާތައް ދެމުންނެވެ.