 
										
			ރާއްޖެއަކީ ރުބެއްލާ އެއްކޮށް ނައްތާލެވިފައިވާ ޤައުމެއްކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅައިފިއެވެ. 
މިކަން ހާމަކުރައްވާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ކުރެއްވި ޓުވީޓެއްގައެވެ. އެޗްޕީއޭގެ ޓުވީޓުގައިވަނީ މިކާމިޔާބީއަށްޓަކައި ރާއްޖޭގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ހެލްތު ޕްރޮފެޝަނަލުންނަށް ޝުކުރު އަދާކުރައްވާފައެވެ. 
		
			މާބަނޑުމީހަަކަށް ރުބެއްލާ ޖެހިއްޖެ ނަމަ ލިބޭ ދަރީން އުފަންވާއިރު އެކުދިންގެ ކިބައިގައި ނުކުޅެދުންތެރިކަމާއި އައިބުތައް ހުރުމުގެ ފުރުޞަތު ބޮޑުވެގެންދާ ކަމުގައި އެޗްޕީއޭއިން ވިދާޅުވެއެވެ. 
ރާއްޖޭގައި ރުބެއްލާ ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި މިއަދު ކަނޑައަޅާފައިވާއިރު، އެބަލި ރާއްޖޭގައި ކޮންޓްރޯލްކޮށްފައި ވާތީ އެކަން ފާހަގަކޮށް 2018 ވަނަ އަހަރު ޑަބުލިޔުއެޗްއޯއިން ވަނީ ޚާއްސަ ލިޔުމެއްވެސް ދީފައެވެ.
ރާއްޖެއިން އަންނަނީ ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ކޮންޓްރޯލްކޮށް ނައްތާލުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން މަސައްކަތްކުރަމުންނެވެ. އެގޮތުން ނުރައްކާތެރި ބަލިތައްކަމަށްވާ މެލޭރިއާ އާއި ފައިލޭރިއާ އަދި މީސްލްސް އަދި ލެޕްރަސީ ފަދަ ބަލިތައްވަނީ ރާއްޖެއިން  މުޅިން ނައްތާލެވިފައެވެ.