ވިޔަފާރި

އެމްއައިބީގެ ހިއްސާއަކަށް 1.58ރ ބެހުމަށް ހުށަހަޅައިފި


މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ހިއްސާއަކަށް 1.58 ރުފިޔާ ބެހުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ.

ބޭންކުގެ ބޯޑު ޑިރެކްޓަރުންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގައި ހިއްސާދާރުންނަށް 35437511 (ތިރީސް ފަސް މިލިއަން ހަތަރުސަތޭކަ ތިރީސް ހަތްހާސް ފަސްސަތޭކަ އެގާރާ) ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ.

ހިއްސާއަކަށް 1.58 ރުފިޔާ ބެހުމަށް ބޯޑުން ހުށަހަޅާފައިވީނަމަވެސް މި އަދަދު ފާސްކުރުން އޮންނާނީ ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ.

މިދިޔަ އަހަރު ހިއްސާ ވިއްކައިގެން އެމްއައިބީއަށް 356 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރު ފުރަތަމަ ފަހަރަށް އެމްއައިބީން ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި 16146 މީހުން އެމްއަބީގެ ހިއްސާގަތުމަށް އެދި ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި މިވަގުތު ޖުމްލަ 16144 މީހުން އެބަތިއްބެވެ.

އެމްއައިބީއިން ހިއްސާގަތް މީހުންގެ ތެރެއިން 99 އިންސައްތަ ހިއްސާކުރަނީ އަމިއްލަ ފަރާތްތަކެވެ. އެއީ ޖުމްލަ 16084 ހިއްސާދާރުންނެވެ. އަދި ބަކީ ބައި ހިއްސާކުރަނީ ކުންފުނިތަކާއި އިންސްޓިޓިއުޓްތަކެވެ. އެއީ ޖުމްލަ 60 ހިއްސާދާރުންނެވެ.