ކޯވިޑް 19 ން ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ
ޖަމާޢަތަށް ކުޑަކުދީންނާއި މުސްކުޅިން ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިވައިރަސްގެ ޢަލާމާތްތައް ކަމަށް ބެލެވޭ ހުންއައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހިއަޅާ މީހުންނާއި، ކަރަންޓީން ކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން ޢާއްމުން އެއްވެ އުޅޭ ޖަމާޢަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށާއި، މިސްކިތުގެ ޖަމާޢަތަށް ނުދިއުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ ކޯވިޑް -19 ފަދަ ނުރައްކާތެރި ބައްޔެއްގެ ޢަލާމާތްތައް ފެނި އެކަމުގެ ސަބަބުން އެހެން މީހުންނަށް އެފަދަ ބައްޔެއް ފެތުރިދާނެކަމަށް ބަލައި މިސްކިތުގެ ޖަމާޢަތާ ވަކިން ކުރާ ނަމާދަށް ޖަމާޢަތުގައިކުރާ ނަމާދުގެ ސަވާބު ލިބޭނެކަމަށް ދީނުގައި އަންގަވާފައިވާކަމަށެވެ.
މީގެ އިތުރުން މިފަދަ ދަނޑިވަޅުތަކުގައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލު ކޮށް، ގިނަ ގިނައިން ދުޢާކޮށް އުޅުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެއިރަކަށް ބޭނުންވާ ދީނީ މަޢުލޫމާތު ޢިލްމުވެރިންގެ ލަފަޔާ އިރުޝާދުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދެމުން ދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދެއްވުމަށް އެދި، މިއަދުން ފެށިގެން ހުރިހާ ނަމާދެއްގައި ޤުނޫތު ކިޔާގޮތަށްވެސް އިސްލާމިކް މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ.
ސައޫދީ އަރަބިއްޔާ އިންވެސްވަނީ ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް، އުމްރާ އަށް ދާން ވިސާ ދޫކުރުންވެސް ހުއްޓާލާފައެވެ.