ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފުތުރައި ޤާނޫނާ ޚިލާފގު ޢަމަލުތައް ހިންގުމުގެ ތުހުމަތުގައި ރ. މަޑުއްވަރީން ހައްޔަރު ކުރި ހަ މީހެއްގެ މައްޗަށް ދަޢުވާކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވިގޮތުގައި މިމީހުންގެ މައްޗަށް ކުރަނީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ޤަބޫލުކޮށް، އެ ފިކުރު ދިވެހިރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްކޮށް، ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަގައިގައި ބައިވެރިވުމަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރިކަމުގެ ތުހުމަތު ކަމަށެވެ.
މިމައްސަލާގައި ދަޢުވާކުރަން ފޮނުވާފައިވަނީ މަޑުއްވަރީ ގުލްއަލާގެ، އިބްރާހީމް ޖިހާދާއި، މީރާ، ޙަސަން ރާޟީއާއި، މީޒާން، ޙަސަން ސިޔާދާއި، ހަމައެގޭ އާދަމް ސުހައިލާއި، ނ.މަނަދޫ ގަހާ، އިބްރާހީމް ޝިބުނީގެ މައްޗަށެވެ.
މިމީހުންގެ މައްޗަށް ދަޢުވާކުރީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ. މީގެއިތުރުން ރ.މަޑުއްވަރީ ސަޢީދާމަންޒިލް، މުޙައްމަދު މައުޖޫދުގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.
އަދި ރ.މަޑުއްވަރި، ގުލްއަލާގެ، އިބްރާހީމް ޖިހާދުއާއި، އެރަށު މީރާ، ޙަސަން ރާޟީއާއި،މީޒާން، އާދަމް ސުހައިލްގެ މައްޗަށްވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުމުގެ ކުށުގެ ދަޢުވާވެސް ކޮށްފައެވެ. އަދި ޙަސަން ރާޟީގެ މައްޗަށް އޮރިޔާންކާޑު އުފައްދައި ގެންގުޅުމުގެ ކުށުގެ ދަޢުވާވެސް ވަނީ ކޮށްފައެވެ.
ފުލުހުން މިދިޔަ ޖެނުއަރީ މަހު ރ.މަޑުއްވަރީގައި ހިންގި އޮޕަރޭޝަނެއްގައި މިމީހުން ހައްޔަރުކޮށް ތަހްޤީޤު ހިންގާފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިމީހުންނަކީ އެރަށުގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ ބައެއްކަމަށެވެ.