ޚަބަރު

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭން ނެރެފައިވާ އެލާޓްލެވެލްއަށް ބަދަލެއް ނާދޭ: ހެލްތު


ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭން ނެރެފައިވާ އެލާޓްލެވެލްއަށް ބަދަލެއް ނާންނަކަމުގައި މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ކުރި ޓްވީޓުގައި ވިދާޅުވީ، މިވަގުތު ރާއްޖޭގައި ކޯވިޑް-19 އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވާތީ, ރާއްޖެ އޮތީ އެލާޓް ލެވެލް ހުދު ގައިކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ނެރޭ ހުދު އެލާޓަކީ އެންމެ ދަށް ލެވެލެވެ. ދެން އެލާޓް ނެރޭ ލެވެލްގައި ހިމެނެނީ ރީނދޫ އޮރެންޖް އަދި ރަތެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ކޯވިޑް-19 ރާއްޖޭގައި އުޅޭތޯ އިތުރަށް ދެނެގަތުމަށް ބަލިއުޅޭ ޤައުމަކަށް ދަތުރުކޮށްފައިނުވިނަމަވެސް، ނިއުމޯނިއާ ނުވަތަ އަރިދަދުސްރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ ފަރާތްތައް އެބައްޔަށް ޓެސްޓްކުރަން ފަށާފައިވާ ކަމަށެވެ. މިގޮތުން ކުރެވޭ ޓެސްޓްތަކުން އަދި މިހާތަނަށް އެއްވެސް ފަރާތެއް ޕޮސިޓިވް ވެފައިއެއްނުވާކަމުގައި އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ.

އެހެން ނަމަވެސް ދެކުނު އެމެރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ ޗިލީން ފެނުނު ކޮވިޑް-19އަށް ޕޮޒިޓިވް ފުރަތަމަ މީހާއަކީ، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މީހަކަށް ވާތީ، އޭނާ އާއި ބެހޭ މައުލޫމާތު އެއްކުރަމުން ގެންދާކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

ޗިލީން ކޮވިޑް-19އަށް ޕޮޒިޓިވް މީހާއި އެކު ރާއްޖެ އައި އޭނާގެ އަންހެނުންވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމުގައި ޗިލީގެ ރަސްމީ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މިދެމީހުންނަކީވެސް، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ އިތުރުން، ކޮވިޑް-19 ފެތުރިފައިވާ ސިންގަޕޫރާއި އިންޑޮނީޝިއާ މެލޭޝިއާ އަދި ސްޕެއިނަށްވެސް ދަތުރުކޮށްފައިވާ ދެމީހުން ކަމުގައި ޗިލީގެ ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.

ދުނިޔޭގައި މިހާރު ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވަނީ އެންމެ މަތީދަރަޖައިގައި ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން ޗައިނާ އީރާން އަދި ސައުތުކޮރެއާގެ ބައެއް ސަރަހައްދުތަކާއި ރާއްޖެއާއި ދެމެދު ސީދާދަތުރުތައް ހުއްޓާލައި، ރާއްޖޭގެ ބޯޑަރ ސެކިއުރިޓީވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19އަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ޑްރިލްއެއްވެސް ބާއްވާފައިވެއެވެ.