ޚަބަރު

މާލޭ ސިޓީ ގޮނޑިއަކާއި އަންހެނުން ކޮމެޓީގެ 10 ގޮނޑި އެމްޑީޕީއަށް


މާލޭ ސިޓީ ކައުންސިލްގެ އެއްގޮނޑި އާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 10 ގޮނޑި އެމްޑީޕީއަށް ކަށަވަރުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ދާއިރާތަކުގެ ތެރެއިން އިންތިޚާބަކާއި ނުލައި އެމްޑީޕީއަށް ލިބިފައިވަނީ، ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއެވެ.

ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކަށަވަރުވީ، އެދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ސާއިފް ފާތިޙް ފިޔަވައި އެހެން އެއްވެސް މީހަކު ކުރިމަތިލައްވާފައި ނުވާތީއެެވެ.

މާލޭ ސިޓީގެ އތމ ކޮމިޓީގެ 10 ދާއިރާއެއްގެ ގޮނޑިވެސް އެމްޑީޕީއަށް ކާމިޔާބު ވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު އެއްވެސް ފަރާތަކުން ކެންޑިޑެންސީ ހުށައަޅާފައި ނުވާތީއެވެ. މިގޮތުން މާލެ އަންހެނުންގެ ތަރައްޤީ މަސައްކަތްކުރާ ކޮމިޓީގެ ތެރެއިން އެމްޑީޕީއަށް ލިބިފައިވަނީ ހެންވޭރު އުތުރު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އާއި ގަލޮޅު އުތުރުދާއިރާ އާއި ގަލޮޅު މެދު ދާއިރާ އާއި ގަލޮޅު ދެކުނު ދާއިރާ އާއި މައްޗަންގޮޅި އުތުރު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި، މައްޗަންގޮޅި ދެކުނު ދާއިރާ އާއިމ މާފަންނު މެދު ދާއިރާގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ ގޮނޑިއެވެ.

މި ދާއިރާތަކުން އެ މެމްބަރުން އިންތިޚާބުވީކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ.

މިއިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ކުރިމަތި ލައްވާފައި ވަނީ ތިން ކެންޑިޑޭޓެކެވެ. އެއީ، އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބުދުސައްތާރާއި، ޕީޕީއެމްގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު އަލްހާން ފަހުމީއެވެ.

މާލޭ މޭޔަރުންގެ ކެނޑިޑޭޓް ތަރުތީބު

1- ޑރ މުހައްމަދު މުއިއްޒު / ޕީޕީއެމް
2- އަލްހާން ފަހުމީ / އަމިއްލަ
3- އަނަސް އަބްދުއް ސައްތާރު / އެމްޑީޕީ

މާލޭ ސިޓީކައުންސިލުގެ 18 ދާއިރާއަށް ޖުމުލަ 56 ކެނޑިޑޭޓުން ވާދަކުރައްވައެވެ.