ޚަބަރު

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އަތޮޅުތެރޭގެ އޮޑިޝަންތައް ކެންސަލްކޮށްފި


ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ކުޅުދުއްފުށީ އޮޑިޝަނާއި، ފ ނިލަންދޫ އަދި ފުވައްމުލަކު އޮޑިޝަން ކެންސަލްކޮށްފިއެވެ.

ޕީއެސްއެމްއިން ހާމަކޮށްފައިވާ ގޮތުގައި އޮޑިޝަންތައް ކެންސަލްކޮށްފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން، ގިނަ މީހުން އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް މަޑުޖައްސާލުމަށް ކަމާއި ބެހޭ އިދާރާތަކުން ލަފާ ދެއްވާފައި ވާތީއެވެ.

މި މާރިޗު މަސްތެރޭގައި ބޭއްވުމަށް ހަމަޖެއްސި މިއޮޑިޝަންތައް ކެންސަލްކުރި އިރު، މިމުބާރާތުގެ މާލޭގެ އޮޑިޝަންތައް ފެބުރުއަރީމަހުގެ ފަހުކޮޅުގައި ވަނީ ބާއްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައިވެސް ރައްކާތެރި ފިޔަވަޅުތައް އެޅުމުގެ ގޮތުން ސްކޫލުތަކުގައި ހިންގޭ އިތުރު ހަރަކާތްތައްވެސް ވަނީ ހުއްޓާ ލާފައެވެ.

އަދި ރާއްޖެއަށްވެސް ކޮވިޑް-19 އައުމުގެ ފުރުޞަތު ބޮޑުވެފައި ވާތީ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ސަރުކާރުން ގެންދަވަނީ ވަރުގަދަ ކުރައްވަމުންނެވެ.