ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ހިމެނޭހެން އެ ކޮމިޝަނުގެ 4 މެންބަރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން މިރޭ ފާސްކޮށްފި.
މަޤާމުން ވަކިކުރުމަށް އެ ކޮމިޓީން ފާސްކޮށްފައިވަނީ ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހިމް ޝަހީޤުއެވެ. މި ހަތަރު ބޭފުޅުން މަޤާމުން ވަކި ކުރުމަށް ކޮމިޓީން ފާސްކޮށްފައިވަނީ ޤާނޫނު އަސާސީގެ ދަށުން ލިބޭ އެތައް ޙައްޤެއް ހަނިވާގޮތަށް ސިވިލްސަރވިސް ކޮމިޝަނުން ފާއިތުވެދިޔަ ދުވަސްތަކުގައި ނިންމާފައިވާ ނިންމުންތަކާއި ގުޅިގެންކަމަށް ކޮމެޓީން ވަނީ ވިދާޅުވެފައެވެ.
ކޮމިޝަންގެ ރައީސް ހިމެނޭހެން ހަތަރު މެމްބަރުން ވަކިކުރުމަށް ފާސްކުރުމުގެ ކުރިން އެމެމްބަރުންނަށް ޖަވާބުދާރީވާން ކޮމިޓީން ދިން ފުރުޞަތުގައިވެސް ފާހަގަކޮށްފައިވަނީ ކުރިންވެސް ފާހަގަކުރި ކަންތައްތައް ކަމަށް ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.
ކޮމިޓީން ބަލަމުންދިޔަ މައްސަލަތަކުގައި ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ހިމެނޭހެން އެ ކޮމިޝަނުގެ 4 މެމްބަރަކު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެގޮތުން މަޖިލީހުގެ ނިމިދިޔަ ދައުރުގެ ތެރޭގައި ކޮމިޝަނުގެ ރައީސް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އަނެއް 3 މެމްބަރުންނާއި ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.
މިބޭފުޅުންނާއި ގުޅޭގޮތުން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލާފައިވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލްސާވިސް މުވައްޒިފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލައާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒު ބޭނުންކުރުމާއި، ކޮމިޝަންގެ ބައެއް މަޤާމުތަކަށް މުވައްޒިފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަލަތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނާ ގުޅުންހުރި މައްސަލަތަކެއް މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީން ބަލަމުންދާއިރު، އެ ކޮމެޓީން ވަނީ ކެބިނެޓުގެ ވަޒީރުން ހާޒިރުކޮށް ސިވިލް ސަރވިސް ކޮމިޝަނާ ގުޅޭގޮތުންވެސް ސުވާލުކޮށް މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަޒީރުން ވަނީ ސިވިލް ސަރވިސް ކޮމިޝަނާ ހެދި މިނިސްޓްރީތައް ހިންގަން އުނދަގޫވެފައިވާކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.