ޚަބަރު

އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ދައުވާއުފުލައިފި


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އާތިފް ޝަކޫރުގެ މައްޗަށް ދައުވާއުފުލައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އާތިފް ޝަކޫރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ، މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގައި ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިނގި އިރު، އާތިފް ޝަކޫރު ހުންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ އިސްވެރިޔާގެ މަޤާމުގައެވެ. އެޔުނިޓަކީ، މަނީ ލޯންޑަރިންނާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުމާއި، އެނޫންވެސް ޤާނޫނާއި ޚިލާފު އެފަދަ މުއާމަލާތްތައް ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް ބަލައި އެކަންކަން ކަމާއި ބެހޭ އެހެން ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ ޒިންމާ އޮތް ފަރާތެވެ.

އާތިފް ޝަކޫރުގެ މައްޗަށް ދައުވާކުރުމަށް މައްސަލަ ކޯޓަށް ފޮނުވިކަން ހާމަކުރެއްވުން ފިޔަަވައި، އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ޕީޖީއޮފީހުން ހާމައެއް ނުކުރައްވައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތް ފަޅާއެރުމުގެ ކުރިން 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އާތިފް ޝަކޫރު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އޭރު ހާމަނުކުރެއްވި ނަމަވެސް، އެމްއެމްޕިއާރްސީގެ ޚިޔާނާތުގެ މައްސަލަ ބަލަމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެކަމާއި ގުޅޭ ގޮތުން އާތިފް ޝަކޫރު ވާހަކަފުޅު ދައްކަވާފައި ވެއެވެ.

އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އާތިފްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ފާޑުކިޔުންތަކާއި ގުޅިގެން އޭނާ ވިދާޅުވީ، މަޤާމުން އިސްތިއުފާ ދެއްވީ، ޤާނޫނީ ޒިންމާ އަދާނުކުރެވޭނެ ކަން ޔަޤީން ވުމުން ކަމަށެވެ.

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ވެރިއެއްގެ ގޮތުގައި އާތިފް ޝަކޫރު މަސައްކަތް ކުރައްވާފައިވަނީ، 7 މަހާއި، 18 ދުވަހުއެވެ.