ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު އިސްމެޖިސްޓްރޭޓް ޙަސަންދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައި އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ 18 ވަނަ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި، ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު އިސްމެޖިސްޓްރޭޓް ޙަސަންދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމެވުމުގެ އިތުރުން، އިތުރު ބައެއް ފަނޑިޔާރުންނާއި މެދުވެސް ފިޔަަވަޅުތައް އަޅުއްވާފައިވެއވެ.
ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު އިސްމެޖިސްޓްރޭޓް ހަސަންދީދީ ފަނޑިޔާރުކަމުން ވަކި ކުރުމަށް ނިންމަވާފައި ވަނީ، އޭނާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމާއި، ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ބެލުމާއި، މުވައްޒަފަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދެއްކުމާއި ޤާނޫނާ ޚިލާފަށް ދަތުރުކުރުމާއި، ބިލްތައް ހެދުމާއި، ހަޑިހުތުރުބަހުން އެއްޗެހި ގޮވުމާއި، ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ހެކީންގެ ބަޔާން ނެގުމަށް ހުރަސްއަޅާ މައްސަލަތައް ސާބިތުވާތީ، ކަމުގައި ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ހުށައަޅަން ނިންމެވީ، ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކުރާ ސުލޫކާއި ކަނޑައެޅިގެން ޚިލާފުވެ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ ޢަމަލުތަކެއް އިސްމެޖިސްޓްރޭޓް ޙަސަންދީދީ ކޮށްފައިވާ ކަމަށް ކޮމިޝަނަށް ސާބިތުވެފައި ވާތީ ކަމުގައިވެސް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.
ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު އިސްމެޖިސްޓްރޭޓް ހަސަންދީދީ ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމެވުމުގެ އިތުރު، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަޒީމް ޙަސަން 1 މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އެއްމަސް ދުވަހަށް ސަސްޕެންޑް ކުރުމަށްވެސްވެސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އޭނާ އާއި މެދު މިފިޔަވަޅު އެޅުމަށް ނިންމީ، ނަމުގައި ރަޖިސްޓްރީކޮށްފައިވާ ލޯންޗަކަށް ދަތުރު ހޯދުމާއި، އެ ދަތުރުތަކާ ގުޅޭ ވިޔަފާރީގައި ޢަމަލީގޮތުން މެޖިސްޓްރޭޓް ޢަޒީމް ޙަސަން އުޅެފައިވާކަން ސާބިތުވެފައި ވާތީ ކަމުގައިވެސް ޖޭއެސްސީން ވިދާޅުވެފައިވެއެވެ.
އަދި މީގެ އިތުރުން ޖޭއެސްސީން މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވަނީ، ފެމެލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ހުޒައިފާ މުޙައްމަދާއި ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމަވާފައެވެ. އަދި ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުއްނާޞިރު ޝަފީޤާ ބެހޭގޮތުން ކޮމިޝަނުން 07 އޮކްޓޫބަރ 2010 ގައި ތަޙްޤީޤުކުރުމަށް ނިންމާފައިވާ މައްސަލަ ސާބިތުނުވާކަމަށްވެސް މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.